ވިޔަފާރިތަކުން ނަގާ ރިސްކުގެ ސަބަބުން އިގްތިސާދަށް އެކަމުގެ ހެޔޮ އަސަރު ކުރާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގިނަ ވިޔަފާރިތަކަކީ އަލަށް ފަށައިގެން ފެއިލްވާ ވިޔަފާރިތައްކަމަށާއި، ކާމިޔާބުވާ ވިޔަފާރިތައް ކާމިޔާބުވުމުން ސަރުކާރަށް އާމްދަނީ ލިބޭކަމަށެވެ. އަދި ދިވެހިން ރިސްކު ނެގުމަށް ވަރަށް ބޮޑަށް ބާރުއަޅާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދަޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައި ނާރުކަމަށާއި، ވިޔަފާރިތައް ހާލުގައި ޖެހުމުން ފަސޭހަވާނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭނެކަމަށެވެ.

އަދި ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ އެއް މަސައްކަތަކީ ރިސްކު ނަގަން ހުރި ހުރަސްތައް ނައްތާލުން ކަމަށާއި ވަކިން ޚާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ވިޔަފާރި ފެށުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރާކަމަށެވެ. ވިޔަފާރިތައް ހާލުގައި ޖެހުމުން ފަސޭހަވާނެ ގޮތްތައް ސަރުކާރުން ފަހިކޮށްދިނުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުމާއެކު ލުއި ގޮތްތައް ހޯދައިދެމުންދާ ކަމަށާއި، މިއާއެކު ވިޔަފާރިތަކުން ރިސްކު ނެގުމަށް ޖެހިލުން ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ގިނަ އަދަދެއްގެ ވަޒީފާތައްވެސް އުފެދިފައި މިއޮންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުންކަމަށެވެ. އަދި އެ ވިޔަފާރިތަކުން ދައްކާ ޓެކުހަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބަޔެއްކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދައުލަތުގެ ބަޖެޓްގެ 50 އިންސައްތަ އާމްދަނީ ލިބެނީ ވިޔަފާރިތަކުން ދައްކާ ޓެކްސްއިންކަމަށާއި، ރައްޔިތުންނަށް އެތައް ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް މި ފައިސާ ބޭނުންކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވިޔަފާރިތައް އިވެލުއޭޓުކުރާނެ ބަޔަކު ބޭނުންވާ ކަމަށާއި، މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ވިޔަފާރިތަކުގެ މަސައްކަތް މިނެ ކިރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ.