ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި އެއްވެސް އުޒުރެއް ދެއްކެން ނެތް ކަމަށާއި ބޭނުންވަނީ އިދިކޮޅަށް ކުޅެނީ ކޮން ޓީމެއްތޯ ނުބަލާ ތިން ޕޮއިންޓު ހޯދުން ކަމަށް ޗައިނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

މިހާތަނަށް ރާއްޖެއާއި ދެކޮޅަށް ކުޅެން އައި އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު ކޯޗު ބުނީ ބޭނުންވަނީ އިދިކޮޅަށް ނުކުންނަނީ ކޮން ޓީމެއްތޯ އާއި ދަނޑުގެ ހާލަތު ބެލުން ނޫން ކަމަށެވެ. އަދި ރާއްޖޭގައި އުޒުރެއް ދެއްކޭނެ އެއްވެސް ދިމާލެއް ނެތްކަމަށްވެސް ލިއްޕީ ބުންޏެވެ.

މާސެލޯ ލިއްޕީ އަކީ 2006 ގެ ވޯލްޑްކަޕު އިޓަލީއަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން 1996 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން ކޯޗެވެ. އޭނާ ޗައިނާގެ ކޯޗުކަމާއި ހަވާލުކުރީ 2022 ގެ ވޯލްޑްކަޕަށް ޗައިނާ ކުރާ ދަތުރަށެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާސެލޯ ލިއްޕީ ބުނީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރަށް ދަތުރުކުރުމުގެ ބޮޑު އަމާޒެއް ޗައިނާގައި އެބައޮތް ކަމަށާއި އެހެންކަމުން މި މެޗުގައި ލެވުނު ހިތްވަރެއްލާން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުޅުންތެރިންނަށް މިހާރު ވެސް އެނގޭނެ ކަމަށާއި އަދި މާދަމާ ވެސް ހަނދާން ކޮށްދޭނެ ކަމަށް ކޯޗު ބުންޏެވެ.

އަދި ދަނޑުގެ ވިނަގަނޑާއި ލައިޓިން ސިސްޓަމަކީ އެންމެ ފެންވަރު ރަނގަޅު ތަކެއްޗަށް ނުވި ނަމަވެސް އެކަމާ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ސްޓޭޑިއަމް އާއި ލައިޓިން ވެސް ހުރީ ރަނގަޅަށް ކަމަށާއި ދަތުރުފަތުރާއި ހޮޓާ ވެސް ރަނގަޅު ކަމަށް ކޯޗު ބުންޏެވެ. އަދި މިފަހަރުގެ ކޮލިފިކޭޝަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި ތައްޔާރީތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.

ޗައިނާއާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00 ގައެވެ.