ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ 2020 ވަނަ އަހަރުގެ ކޮލިފިކޭޝަނުގައި ޖަރުމަނާއި ބެލްޖިއަމްގެ އިތުރުން ނެދަލޭންޑްސް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ނެދަލޭންޑްސް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ އެސްޓޯނިއާ އާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނެދަލޭންޑްސްގެ ފުރަތަމަ ގޯލު ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ރަޔާން ބަބެލް އެވެ. އެ ޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ބަބެލް އެވެ. އޭނާ މި ގޯލު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެ ޓީމުގެ ތިންވަނަ ގޯލު މެމްފިސް ޑިޕޭ ކާމިޔާބުކުރި އިރު ހޮލަންޑުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޖޯޖިއޯ ވަޔަނާލްޑަމް އެވެ.

މި ގްރޫޕުގައި ހިމެނޭ ޖަރުމަނު ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ނޮދަން އަޔަލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައިވެސް ނޮދަން އަޔަލޭންޑްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފް ފެށިގެން ތިންވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެލްސްޓެންބާގެވެ. އެ ޓީމުން ލީޑު ފުޅާކުރި ގޯލު ކާމިޔާބުކޮށްފައިވަނީ ގަބްރީއެވެ.

މި ނަތީޖާއާއެކު ނެދަލޭންޑްސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި އެސްޓޯނިއާ އޮތީ ކުޅުނު ފަސް މެޗުންވެސް ބަލިވެ ފުލުގައެވެ. އެއްވަނައިގައި ޖަރުމަނު އޮތީ 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ނޮދަން އަޔަލޭންޑް ވެސް އޮތީ ހަމަ 12 ޕޮއިންޓާއެކުގައެވެ. ނަމަވެސް އެ ޓީމަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.