ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އެކި ސިނާއަތްތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ މޯލްޑިވްސް ބިޒްނަސް އެވޯޑް އިފްތިތާހްކޮށް، އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރް ކުންފުންޏެއްކަމަށްވާ "ބްލޭޒަން އިންކް" އިން ދޭ ބިޒްނަސް އެވޯޑުގެ މިއަހަރުގެ އެޑިޝަން އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ބްލޭޒަން އިންކުގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީ ވިދާޅުވީ ބިޒްނަސް އެވޯޑްސް އެކުލަވާލުމުގައި އިކޮނޮމިކް މިނިސްޓްރީގެ ދައުރު ބޮޑު ކަމަށާއި އެވޯޑުގެ ކަންތައް ކުރިއަށްގެން ދާނީ މިނިސްޓްރީގެ ލަފަޔާއެކު ކަމަށެވެ.

ބްލޭޒަން އިންކުން ބުނީ އެ ކުންފުނިން މިދިޔަ އަހަރު އަލަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު އެވޯޑަށް ކުރިމަތިލި ކަމަށާއި، މިދިޔަ އަހަރަށް ވުރެ ބޮޑު ތަރުހީބެއް މިއަހަރުގެ އެވޯޑަށް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ އެވޯޑަށް 185 ފަރާތުން ކުރިމަތިލި އެވެ.

އެވޯޑުގެ އަހަރުގެ ސްޓާޓް އަޕް ބިޒްނަސް ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީތަކަށް ވާދަކުރެވޭނީ ވިޔަފާރީގައި ހަރަކާތްތެރިވާތާ ދެ އަހަރުވެފައިވާ ކުންފުނިތަކަށެވެ. ޖުމްލަ ފަސް ކެޓަގަރީއަކުން ބިޒްނަސް އެވޯޑުތައް ދޭއިރު، އޭގެތެރޭގައި ހިމެނެނީ އިންޑަސްޓްރީ އެކްސެލެންސް، އެންޓްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލީޓް އެވޯޑްސްގެ އިތުރުން ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަރީ އެވެ.

މިއެވޯޑަށް އޮންލައިންކޮށްވެސް ކުރިމަތިލެވޭއިރު، މިއީ މި އެވޯޑް ބާއްވާ ދެވަނަ އަހަރެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު މިދިޔަ އަހަރު ލިބިވަޑައިގެންނެވީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަށެވެ. އެއަހަރު "ބިޒްނަސް އޮފް ދަ އިޔާ" އެވޯޑު ބުނީ އެލައިޑް އިންޝުއަރަންސް ކުންފުންޏަށެވެ.