ފުވައްމުލައް ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުޅުވާލާ، ވިޔަފާރިކުރެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވަނީ ތިން ސަރަހައްދަކަށެވެ. މި ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

އެހުއްދަދީފައިވާ ސަރަހައްދުތަކަކީ ޣާޒީ މަގު، ފުވައްމުލަކު މެދު ދާއިރާ، މުޙައްމަދު ޖަމާލުއްދީން މަގު، ފުވައްމުލަކު ދެކުނު ދާއިރާގެ އިތުރުން ގެއްމިސްކިތްމަގު ފުވައްމުލަކު އުތުރު ދާއިރާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސަރަހައްދުތަކުގައި 24 ގަޑައިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ފުވައްމުލައް ސިޓީ ކައުންސިލަށް ކަމަށެވެ. މި ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މިހާތަނަށް މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދަ އަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހު ކަމަށެވެ. އޭގެ ތެރޭގައި ބޭރުން ތަނުގެ އެތެރެ ފެންނަން ހުރުމާއި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރުން ފަދަ އާއްމު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ބައެއް ކަންކަން ހިމެނެ އެވެ.

ވިޔަފާރިކުރާ ފަރާތްތަކުން ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށްވެސް ބުނެފައިވެ އެވެ.