މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ދެ ތަނެއް ކުއްޔަށް ދޭން ނިންމައި، ބިޑަށް ހުށަހަޅައިފި އެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުޑްކޯޓުގެ ތެރެއިން ހުސްކޮށް ހުރި ދެ ތަނެއް މިހާރު ބިޑަށް ހުޅުވާލާފައިވާ ކަމަށެވެ. ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 26 ވަނަ ޔުނިޓާއި 20 ވަނަ ޔުނިޓެވެ. އެ ދެ ޔުނިޓުގައި 960 އަކަފޫޓު ހުރެ އެވެ.

މި ޔުނިޓްތަކަށް އެދި ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނީ ކޮންމެ ފަރާތަކަށް ވެސް ބިޑް ހުށަހެޅޭނީ އެއް ޔުނިޓަށް ކަމަށާއި އެ އަށް ވުރެ ގިނަ ޔުނިޓަށް ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބާތިލްވާނެ ކަމަށެވެ. މީގެ އިތުރުން، ބިޑް ސެކިއުރީޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަން ވެސް ޖެހެ އެވެ.

ބިޑަށް އެންމެ ކުޑަވެގެން ހުށަހެޅޭނެ އަގަކީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންނެވެ. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ކާމިޔާބު ކުރާތާ ހަތް ދުވަހުގެ ތެރޭގައި ތިން މަހުގެ ކުލި ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެެވެ.

ފުޑް ކޯޓުތައް ކުއްޔަށް ނަގާ ފަރާތްތަކަށް، އެތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ފުޑްކޯޓުތަކުގައި ބޭނުންކުރާނެ ގޮނޑި މޭޒު ފަދަ ތަކެތި ދޭނީ އެސްޓީއޯ އިން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަދި ހަލާކުވާ ގޮނޑި، މޭޒު ފަދަ ތަކެތި ބަދަލު ކުރުމަށް ކުއްޔަށް ނަގާ ފަރާތުން ދައްކާ ސެކިޔުރިޓީ ފައިސާ ބޭނުން ކުރާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.