ކުށްކުރާ މީހުންނާއި މެދު މިސަރުކާރުން އަމަލު ކުރާނީ އިންސާފުވެރިކޮށް ކަމުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެށުނީއްސުރެ ވަކާލާތު ކުރަމުން އައި އުސޫލު ހަދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުން ކުއްކުރާ މީހުންނާއި މެދު އަމަލު ކުރާނީ އިންސާފުވެރިކަމާއި އެކުގައި ކަމަށެވެ. އަދި މީހަކު ބަންދު ކުރަންޖެހޭ ހާލަތުގައި އިންސާފުގެ ތެރެއިން ބަންދުކުރާނެ ކަމަށެވެ.

ހޯމް މިނިސްޓަރ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ނޫސްވެރިޔާ އަޙްމަދު ރިލްވާނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ދެ ފުލުހެއްގެ އިހްމާލު ވާކަމަށް ބަޔާކޮށްފައި ވުމުން ފުލުހުންނަށް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ރަޙީނުކޮށް މަރާލި މައްސަލައިގައި ދެ ފުލުހަކު ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައި ވެއެވެ. އެގޮތުން ކުރިން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައިވެސް ހުންނެވި ފަނޑިޔާރު ހަސަން އަލީ އާއި ގުޅިގެން ކޮމޝަނުގެ ރިޕޯޓުގައި ވާގޮތުން ދެ ފުލުހަަަަަކު އޭނާ އާެއި ބައްދަލުކޮށް ރިލްވާނުގެ މައްސަލަ ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ރިލްވާންގެ ޕާސްޕޯޓެއް ހަދައި، އޭނާ ބޭރަށް ދިޔަ ކަމަށް ދައްކައި އެންޑީޓީވީ ފަދަ ޗެނަލަކުން ރިލްވާން މަރުވި ކަމުގެ ހަބަރު ގެނެވިދާނެ ކަމަށް އެ ދެ ފުލުހުން ބުނި ކަމަށްވެސް ފަނޑިޔާރު ހަސަން އަލީ ދެއްވާފައިވާ ބަޔާނާއި ހަވާލާދީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުންނާއި ދެކޮޅަށް ހެއްކެއް ލިބިފައިނެތް ކަމަށާއި އެހެން ކަމުން އެ މީހުން ހައްޔަރު ކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގައި ޝައްކު ކުރެވޭ ދެ ފުލުހަކު ހައްޔަރުކުރަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ފުލުހުންނަށް އަންގަވާފައި ވެއެވެ.