އައްޑޫ ސިޓީ ހުޅުމީދޫގައި ޑިނގާ އާލާ ކުރާ ފާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސައިރިކްސް ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ތައިލެންޑްގެ އަވަށެއްގައި ކުރިއަށްގެންދާ މޮޑަލެއް އަސްލަކަށް ބަލައިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ. މިކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ ޔުނިވާސިޓީ އަކުން މި މަހުގެ ތެރޭގައި ރާއްޖެ އަންނަން ވަނީ ހަމަޖެހިފަ އެވެ.

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ހުޅުމީދޫ ޖަމްއިއްޔާތަކާ ގުޅިގެން ޑިނގާ ފާމު ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ މާހިރުންގެ ޓީމެއް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެެ އަންނާނެ ކަމަށެވެ. އަދި މި ދިރާސާގެ ހުރިހާ ހަރަދެއް ކުރާނީ ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ތައިލެންޑްގެ އަވަށެއްގައި ހިންގާ މިފަދަ ޑިނގާ ފާމްތައް ރާއްޖޭގެ ރަށްރަށުގައި ހައްދާ، ރާއްޖޭގެ ރިސޯޓުތަކަށް އަދި ރެސްޓޯރެންޓުތަކަށް ސަޕްލައި ކުރެވިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މީގެއިތުރުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓުވެސް ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.