ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރުމަށް ބާއްވާ ޖަލްސާ މިއަހަރު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު މަޝްވަރާކުރުމަށްފަހު މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ މިދުވަހާއި ގުޅުވައިގެން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ބާއްވާ ފިޝަރީޒް ފޯރަމްއަކާއި ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން ބާއްވާ ކުއިޒްއެއްގެ އިތުރުން އޯޝަން ޕްލާސްޓިކް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް ފާހަގަކުރާއިރު މިއަހަރު ފާހަގަކުރަނީ 39 ވަނަ މަސްވެރިންގެ ދުވަހެވެ.

މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ.