އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޖޯޖިއާ ކައިރި ކަނޑުގެ ސަރަހައްދަށް އަރިއަޅާލި ދެކުނު ކޮރެއާގެ ކާގޯ ބޯޓުން ގެއްލުނު ހަތަރު ކްރޫ މެމްބަރުންވެސް ހޯދައި ސަލާމަތް ކޮށްފިއެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން، އަރިއަޅާލާފައިވާ ބޯޓުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކޮށްފައިވަނީ ބޯޓުގެ ހަލް ފޫއަޅުވާލައިގެންނެވެ.

އެގޮތުން، ފޫއަޅުވާލި ލޯވަޅުން އެންމެފަހު ކްރޫ މެމްބަރު ސަލާމަތް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އެމެރިކާގެ ކޯސްޓްގާޑުން ބުނެއެވެ. އެއީ، ތާށިވެފައި ތިބި ހަތަރު ކްރޫ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ސަލާމަތް ކުރިތާ ތިންގަޑިއިރު ފަހުންނެވެ.

އެންމެފަހުން ސަލާމަތްކުރި ކްރޫ މެމްބަރު ތާށިވެފައި ހުރީ ބޯޓުގެ އެހެން ދިމާއެއްގައި ކަމަށް ވެއެވެ.

މި އެންމެން ސަލާމަތް ކޮށްގެން ނެރުނު މަންޒަރު ފެންނަ ވީޑިއޯއެއް އެމެރިކާގެ ކޯސްޓްގާޑުން އާންމުކޮށްފައި ވެއެވެ.

އެންމެފަހުން ސަލާމަތްކުރި ހަތަރު ކްރޫ މެމްބަރުންވެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެމެރިކާ ކޯސްޓްގާޑުގެ ކެޕްޓަން ޖޯން ރީޑް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބޯޓު ތެރޭގައި 34 ނުވަތަ 35 ގަޑިއިރު ތާށިވެފައި ތިބިނަމަވެސް، ސަލާމަތްކުރި ކްރޫ މެމްބަރުން ފެންނަ ފެނުމަށް ތިބީ ހެޔޮ ހާލުގައި ކަމަށެވެ.

200 މީޓަރުގެ ގޯލްޑަން ރޭ ނަމަކަށްކިޔާ ދެކުނު ކޮރެއާގެ ކާގޯ ބޯޓު އަރިއަޅާފައިވަނީ ޖޯޖިއާގެ ބަނދަރުން ފުރައިގެން ދަނިކޮށެވެ.

ބޯޓު އަރިއަޅާލަން ފެށުމާއެކު، މީހުން ސަލާމަތްކުރާ ޓީމުތަކުންވަނީ ހެލިކޮޕްޓަރުގައި ގޮސް ބޯޓުގައި ތިބި 20 ކްރޫ މެމްބަރުން އިއްޔެ ސަލާމަތް ކޮށްފައެވެ.

ވީނުވީއެއް ނޭނގި ގެއްލުނު ހަތަރު ކްރޫ މެމްބަރުންނާ މުއާމަލާތު ކުރީ، އިއްޔެ ސަލާމަތްކުރި ކްރޫ މެމްބަރުންނެވެ. ތާށިވެފައި ތިބި ކްރޫ މެމްބަރުން ތިބީ އިންޖީނު ރޫމްގައެވެ. އެހިސާބުން އެމީހުން ތާށިވެފައި ތިބި ދިމާއިން ބޯޓުގެ ހަލް ފޫއަޅުވާލައި ކާނާއާއި ބޯފެން ފޯރުކޮށްދޭން ފަށާފައި ވެއެވެ. އަދި ހަރުގަނޑެއް ބާލައިގެން އެމީހުން ސަލާމަތް ކުރެވުނީ މިއަދުއެވެ.