ޗައިނާގެ އޮންލައިން ވިޔަފާރިއަށް އިންގިލާބު ގެނައި އަލީބާބާ ގްރޫޕްގެ ބާނީ ޖެކް މާ، އެ ގްރޫޕްގެ ޗެއަމަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަލީބާބާ ގްރޫޕަކީ ދުނިޔޭގެ އެންމެބޮޑު އަދި ފުޅާ އީ-ކޮމާސް ކުންފުންޏެވެ.

އެ ކުންފުނީގެ ޗެއަރމަން ކަމުން ޖެކް މާ އިސްތިއުފާ މިދެއްވީ، އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ބޮޑެތި އަރާރުންތަކުގެ ސަބަބުން، އޮންލައިން ވިޔަފާރީގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޖެކް މާއަކީ ޗައިނާގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިޔަފާރިވެރިއެކެވެ. ޗައިނާގެ މުއްސަނދިންގެ މައުލޫމާތު އެއްކުރާ ގްރޫޕަކުން ބުނެފައިވަނީ، ޖެކް މާގެ އަމިއްލަފުޅު މުއްސަނދިކަން 38 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.

އަލީބާބާ ގްރޫޕްގެ ޗެއަރމަން ކަމުގެ މަގާމުން ޖެކް މާ އިސްތިއުފާ މިދެއްވީ، އޭނާގެ 55 ވަނަ އުފަންދުވަހުއެވެ. އެއީ، މީގެ އަހަރެއް ކުރިން އޭނާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށެވެ.

ގްރޫޕްގެ ޗެއަރމަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޖެކް މާ، އަލީބާބާ ޕާޓްނަރޝިޕް މެމްބަރެއްގޮތުގައި ދެމިހުންނަވާނެ ކަމަށް ވެއެވެ. އަލީބާބާ ޕާޓްނަރޝިޕް އަކީ 36 މެމްބަރުން ހިމެނޭ ގްރޫޕެކެވެ. މިއީ، ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރސްއަށް ގިނަ މެމްބަރުން އައްޔަން ކުރުމުގެ ހައްގު އޮންނަ ގްރޫޕެވެ.

ކުރިން އިނގިރޭސި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވި ޖެކް މާ، އަލީބާބާ ކުންފުނި އުފެއްދެވީ 1999 ވަނަ އަހަރުއެވެ. ޗައިނާއިން އެކްސްޕޯޓްކުރާ މުދާ އެމެރިކާގެ މާރުކޭޓްތަކާ ގުޅުވައިދެނީ މައިގަނޑު ގޮތެއްގައި އަލީބާބާއެވެ.

އަލީބާބާ ގްރޫޕްގެ އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމްތަކުން މިދިޔަ އަހަރު އެކަނިވެސް 853 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައި ވެއެވެ. އެމެރިކާގެ އެންމެބޮޑު އޮންލައިން ވިޔަފާރި ކުންފުނި އެމޭޒަންއަށް މިދިޔަ އަހަރުގެ ތެރޭގައި ކުރެވިފައިވަނީ 277 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއެވެ.