އިންޑޮނޭޝިޔާގެ ސުމަޓްރާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރާއި، ސިންގަޕޫރުގައި ދުމުގެ ސާލެއް ލެވިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ކުއާލަލަމްޕޫރާއި ސިންގަޕޫރުގައި މިހާރުވަނީ ދުންގަނޑު ފެތުރިފައެވެ. މިގޮތަށް އެ ރަށްތަކުގައި ދުން ބޯވެފައިވާތާ ދެދުވަސް ވެއްޖެއެވެ.

އާސިއާން ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު ވަނީ، މެލޭޝިޔާއާ ދިމާއަށް ދެކުނުން ބާރުމިނުގައި ވައިޖެހެމުންދާތީ، ދުމުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް އިންޒާރު ކޮށްފައެވެ.

ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން އަރަމުންދާ ދުމާހެދި، ސުމަޓްރާއަށް މިހާރުވަނީ ލެވެލް 3 ގެ އެލަޓްނެރެފައެވެ.

ޖެހެމުންދާ ބާރު ވައިގެ ސަބަބުން، މަލަކާ ކަނޑުއޮޅި ހުރަސްކޮށް ހުޅަނގުން މެލޭޝިޔާއާ ދިމާއަށް ދުންގަނޑު ބާރަށް ފެތުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުމަޓްރާގެ 250 ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. ޖަންގަލިތަކުގައި އަލިފާން ރޯވެފައިވަނީ ގަދަ ހޫނުގެ ސަބަބުން ކަމަށް ވެއެވެ.

ސުމަޓްރާގެ އިތުރުން، ބޯނިއޯ އައިލެންޑްގެ ބައެއް ސަރަހައްދުތަކުގައިވެސް އަލިފާން ރޯވެ އަނދަމުންދާތީ، އިންޑޮނޭޝިޔާ ސަރުކާރުން މިހާރުވަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް 9،000 މީހުންގެ ޓީމެއް ފޮނުވާފައެވެ.

މެލޭޝިޔާ ސަރުކާރުގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓުން މިއަދު ބުނެފައިވަނީ، ވައިގެ ނުސާފު މިންވަރު ނުވަތަ އެއަރ ޕޮލިއުޝަން އިންޑެކްސް، ވެރިރަށް ކުއާލަލަމްޕޫރުގައި ވަރަށް މަތިވެފައިވާ ކަމަށެވެ. ވެރިރަށް ކުއާލަލަމްޕޫރުގެ ފަސް ސަރަހައްދެއްގައި އެއަރ ޕޮލިއުޝަން އިންޑެކްސް ހުރީ 119-140 އާ ދެމެދުގައި ކަމަށާއި، އެ މިންވަރަކީ އިންސާނުންގެ ސިއްހަތަށް ގެއްލުންހުރި މިންވަރެއް ކަމަށްވެސް ބުނެފައި ވެއެވެ.

ދުމުގެ މައްސަލާގައި މެލޭޝިޔާ ސަރުކާރުން މިހާރުވަނީ، ދުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ސްކޫލްތައްވެސް، ދޮރުންބޭރު ހުރިހާ ހަރަކާތެއް ކެންސަލް ކުރުމަށް އަންގާފައެވެ.

ސިންގަޕޫރަށްވެސް ދުމުގެ އަސަރު ކުރަމުންދާއިރު، އެގައުމުގެ ނޭޝަނަލް އެންވަޔަރަންމެންޓް އޭޖެންސީން ބުނެފައިވަނީ، ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފު މިންވަރު، ސިއްހަތަށް ގެއްލުންވާ މިންވަރަށް މަތިވަމުންދާ ކަމަށެވެ.