އެސްއޯ ފުލުހުންގެ ޓީމަކުން މާލޭގެ ސޯސަން މަގުގައި ހުންނަ ގެއެއް ބަލައި ފާސްކުރަން ފަށައިފިއެވެ.

އެސްއޯ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނީ ސޯސަން މަގުގައި ހުންނަ ޝޮޕް އެން ސޭވް ނަމަކަށް ކިޔާ ފިހާރަޔާ ޖެހިގެން ހުންނަ ގެއެކެވެ. އޭގޭގެ އެކި ފްލޯތަކުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެނެއެވެ. އަދި އެހިސާބުގައި ތިބި ވީނިއުސްރޫމްގެ ޖާނަލިސްޓުންވެސް ކަށަވަރު ކޮށްދެއެވެ.

އެ ގޭގައި ހަރަކާތްތެރިވާ ފުލުހުން ތިބީ މޫނުވެސް ނިވާކޮށްގެންނެވެ. މައުލޫމާތު ލިބޭގޮތުގައި ފުލުހުން ބަލައި ފާސްކުރަމުން ގެންދަނީ ހ. ނައިޓްވިއު ނަމަކަށްކިޔާ ގެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން ދާދި ދެންމެއަކު ބުނެފައިވަނީ، ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންއަކީ 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށާއި، ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން ކަމަށްވެސް ހާމަކޮށްފައި ވެއެވެ.