މަރު ކޮމިޝަންގެ އެދުމަށް ފުލުހުން މިހާރު ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގެ ދަށުން މާލެއާއި، އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މި އޮޕަރޭޝަން ފަށާފައިވަނީ މިރޭ އިރުއޮއްސުނު ފަހުންނެވެ.

މި އޮޕަރޭޝަންގެ ދަށުން، މާލޭގެ ބައެއް ގެތަކާއި އައްޑޫގެ ބައެއް ގެތައްވެސް އެސްއޯ ފުލުހުން މިހާރު ގެންދަނީ ބަލައި ފާސްކުރަމުންނެވެ.

މާލެއިން ބަލައި ފާސްކުރަމުން ގެންދަނީ ހ. ނައިޓްވިއު ގެއާއި، ގ. އާނޫރާނީގެއާއި، ގާކޮށި ފްލެޓް އެޕާޓްމަންޓެކެވެ.

އައްޑޫ ސިޓީގެ ބައެއް ގެތައް ބަލައި ފާސްކުރަމުންދާ ކަމަށްވެސް ޚަބަރު ލިބެއެވެ. ނަމަވެސް ފުލުހުން ފާސްކުރަމުންދަނީ ކިތައް ގެކަމެއް އަދި ސާފެއް ނުވެއެވެ.

އެސްއޯ ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރު ކުރުމަށާއި، ހެކިހޯދުމަށް ކަމަށް ވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

މިރޭ އޮޕަރޭޝަން ފެށުމާއެކު އެކުހެން ފުލުހުން ބުނެފައިވަނީ، މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނަކީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލައިފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލައިފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށާއި، ތަންތަނާއި މީހުން ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

"މި އޮޕަރޭޝަން ކުރިއަށްދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަންވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައި ވާނެ" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.