ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ފަސޭހަކަމާއެކު ޗައިނާ ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗު ޗައިނާ ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ވަނީ ދެގޯލު ޖަހާފައެވެ. އަދި އަނެއް ތިން ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހިމަނާފައެވެ. ނަމަވެސް ދަގަނޑޭ މިމެޗުގައި ކުޅުނީ ފުރަތަމަ ހާފުގައި އެކަންޏެވެ. ދެވަނަ ހާފުގައި ދަގަނޑޭގެ ބަދަލުގައި ކުޅެން އެރުވީ ހަސަން ނާއިޒު (ދާދު) އެވެ.

މެޗުގައި ޗައިނާގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މިގޯލު ކާމިޔާބު ކޮށްފައިވަނީ ޗައިނާގެ މިޑްފީލްޑަރު ވޫ ޝީ އެވެ. އޭނާ މިގޯލު ޖެހީ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ވެއްޓިފައިއޮތް ވަގުތު އެ ބޯޅަ ހިފައިގެން އުފެއްދި ހަމަލާއަަކުންނެވެ.

އެ ޓީމުގެ ދެވަނަ ގޯލު 43 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވޫ ލީ އެވެ. އޭނާ މިގޯލު ކާމިޔާބުކުރީ ރާއްޖޭގެ ކުޅުންތެރިން އޮފްސައިޑު މަގާމެއްގައި އޭނާ ހުރިކަމަށް ނިންމައިގެން މާކުނުކޮށް ހުއްޓައެވެ.