ދިވެހިން ކަންބޮޑުވަމުންދަނީ ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ބާރުގަދަ ދައުލަތެއް އުފެދޭކަމަށް ފެންނަމުންދާތީ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރުވުމަށް ޑީޖޭއޭއިން ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސީރިއާގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިސިސް އުފެއްދުމުގައާއި، ދެމެހެއްޓުމުގައި ދިވެހިންގެ ތެރެއިން ގިނަ ބައެއް ބައިވެރިވެފައިވާ ކަމުގައެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ފަހުލަވާލުން މި ޖަމާއަތަށް ފޮނުވަނީ، ދިވެހިރާއްޖޭގައި މިޖަމާއަތުގެ ތަފާތު ހަރަކާތްތައް ހިންގިގެން ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދައި، ގޭންގުތަކުން ކުރާ ކަންކަމަކީ ދިވެހި ދައުލަތާ ގުޅިގެން ކުރާ ކަންކަމަށް ވެގެން ކަމުގައެވެ.

ދަންނަބޭކަލުންގެ ހެދުން އަޅައިގެން ތިބެގެން މީހުންގެ ނިންމުންތައް ތަންފީޒުކުރަނީ މާލޭގެ މަގުމަތީ ގޭންގުތައް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

2013 ވަނަ އަހަރާއި 2016 ވަނަ އަހަރު 26 އަށް ވުރެ ގިނަމީހުން ރާއްޖޭގައި ވަޅިޖަހައި މެރާފައިވާ ކަމަށާއި މިކަން ކޮށްފައިވަނީ ހަރުކަށި ޖަާއަތްތަކުން ކަންކުރާ އުސޫލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ނުކުރެވިއްޖެނަމަ ކުރިއަށް ފެންނަން އޮތް މަންޒަރު ވަރަށް އަނދިރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިންސާފު ގާއިމްކޮށްދިނުމުގެ ނިޒާމު ފެށިގެން އަންނަނީ ފުލުހުންނާއި ފަނޑިޔާރުންގެ މަސައްކަތުންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިއަދު މުޅި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރަން ޖެހިފައިވާ ކަމުގައެވެ.

ގާނޫނުއަސާސީގެ ހިޔާދަށުގައި ދިހަ އަހަރު ހޭދަކޮށްފައިވާކަން ފާހަގަަކުރައްވައި ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީއިން ދިވެހިން އެދެނީ މައިގަނޑު ތިން ކަމަކަށް ކަމުގައެވެ. އެއީ ރިޔާސަތެއް އެކުލަވާލުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ގާނޫނުހަދާ މަޖިލީހެއް އެކުލަވާލުން ކަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރުގެއެއް އެކުލަވާލުން ކަމަށެވެ.

އެހެންކަމުން މިހާރު ރާއްޖޭގެ ކޯޓުތަކުގެ ހާލަތު އިސްލާހުކުރަން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.