ގެއަކަށް ވަގަށް ވަދެ، އެގޭގައި އަމިއްލައަށް ކައްކައިގެން ކެއި ޒުވާނަކު އެމެރިކާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ވަޒީފާގައި އުޅޭ މީހެއް ކަމަށް ވެއެވެ.

އުމުރުން 19 އަހަރުގެ ގާވިން ކްރިމް ނަމަކަށްކިޔާ މި ޒުވާނާއަކީ އެމެރިކާގެ ފްލޮރިޑާގެ ޕާމް ހާބަރ ނަމަކަށްކިޔާ އަވަށަކަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ވަގަށް ވަދެފައިވަނީ ސޭފްޓީ ހާބަރ ސިޓީ އަވަށުގެ ގެއަކަށެވެ.

މިހާދިސާ ހިނގާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުރޭ ފަތިހުއެވެ. ގާވިން ކްރިމް އެ ގެއަށް ވަދެފައިވަނީ ފަތިހު 4:00 އެހާއިރު ކަމަށް، ސީބީއެސް17 އިން ރިޕޯޓް ކޮށްފައި ވެއެވެ. އޭނާ އެ ގެއަށްވަނީ ބަނޑުހައިވެގެން ހައި ފިލުވާލަން ކަމަށް ބެލެވިފައިވެއެވެ.

ގާވިން ކްރިމް، އެ ގެއަށް ވަގަށް ވަދެހުއްޓައި ގޭގެ މަތީ ފަންގިފިލާގައި ނިދާފައިއޮތް، އެގޭގެ ވެރިމީހާ އެތަނަށް ދިޔައެވެ. އޭނާ ތިރިއަށް ފޭބީ ބަދިގޭގައި މީހަކު އުޅޭކަމުގެ އަޑު އިވުމުންނެވެ. ގޭގެ ވެރިމީހާ ދިއުމުން ގާވިން ބުނީވެސް މަޖާ އެއްޗެކެވެ.

ގޭގެ ވެރިމީހާ ދިއުމުން ގާވިން ބުނިކަމަށްވަނީ "އަނބުރާ ނިދަންދޭ" މިހެންނެވެ.

ގާވިން އެހެން ބުނި ނަމަވެސް ގޭގެ ވެރިމީހާ އަނބުރާ ނިދަންދާން އިންކާރުކުރިއެވެ. އަދި ފުލުހުންނަށް ގުޅާނޭކަމުގެ އިންޒާރު ދިނެވެ. އޭރު ގާވިން ހުރީ އޭނާ ކެއްކި ކާތަކެތި ކާށެވެ. އޭނާ ތައްޔާރުކުރީ ހެނދުނުގެ ނާސްތާ ކަމަށް ވެއެވެ.

ގޭގެ ވެރިމީހާ ފުލުހުންނަށް ގުޅާނޭކަމުގެ އިންޒާރު ދިނުމާއެކު ގާވިން ކްރިމް ދުވެފައި ނުކުމެގެން ދިޔައީ ކަމަށް، މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. ކެއްކި ކާތަކެތި ހުސްކޮށްލާނެ ވަގުތުވެސް އޭނާއަށް ނުލިބުނެވެ.

އެކަމަކު އޭނާ ފިލައިގެން މާ ދުރަކަށް ނުދެއެވެ. ފުލުހުން އޭނާ އަތުލައިގަތީ އެ ގޭގެ ބިއްދޮށުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގެ ތެރޭގައި ބޮނދައިގެން އޮއްވައެވެ.