ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަނުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ނަތީޖާ އަނބުރާ ނުލެވުނީ ޗައިނާއަށް ލިބުނު ޕެނަލްޓީތަކުގެ ސަބަބުން ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

ރޭގެ މެޗުގައި ޗައިނާއިން 5 ގޯލް ކާމިޔާބުކުރިއިރު، ދެ ގޯލް ޖަހާފައިވަނީ ލިބުނު ޕެނަލްޓީތަކުންނެވެ. ދެވަނަ ހާފު ފަށައިގެން ރާއްޖޭގެ ޓީމުން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް 62 ވަނަ މިނެޓުގައި ރެފްރީ ވަނީ ޗައިނށާއަށް ފުރަތަމަ ޕެނަލްޓީ ދީފަ އެވެ. އޭގެ ފަހުން އަނެއްކާވެސް ރާއްޖޭގެ ކުޅުން ދަށްވެގެން ދިޔަތަން ފެނުނެވެ.

މެޗަށްފަހު ކޯޗު ބުނީ ދެވަނަ ހާފު ފަށައިގެން ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ޕްރެސްކޮށްގެން ކުޅުނު ކަމަށާއި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ޗައިނާއަށް ދިން ޕެނަލްޓީއާ ހިސާބުން ކަމަށެވެ. އަދި މެޗުގެ ނަތީޖާ ގަބޫލުކުރަން ޖެހޭ ކަމަށާއި މިއީ ޗައިނާ އަށް ހައްގު މޮޅެއް ކަމަށްވެސް ބުންޏެވެ. ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް، ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށްވެސް ކޯޗު ބުންޏެޗެ.

ކޯޗު ފާހަގަކުރިހެން ދެވަނަ ހާފު ފަށައިގެން ރާއްޖޭގެ ޓީމުން ރަނގަޅު އެޓޭކުތަކެއް ކުރިއިރު، އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައިވަނީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. އަދި އޭގެ ފަހުން ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.