ގައުމީ ފުޓްބޯޅަ ޓީމުގެ އައު ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ގައުމީ ޓީމުގެ އައު ޖާޒީ ރައީސް އިފްތިތާހުކޮށްދެއްވީ ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ދިވެހިރާއްޖެ އާއި ޗައިނާ ރޭ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގެންނެވެ.

ގައުމީ ޓީމުގެ އައު ޖާޒީ އިފްތިތާހުކުރިއިރު، ގައުމީ ފުޓްބޯޅަ ޓީމުން ބޭނުން ކުރަމުން އައި ޖޯމާ ބްރޭންޑް ހަތަރު އަހަރު ފަހުން ދޫކޮށްލުމަށްފަހު ސްޕެއިންގެ ކެލްމޭ ބްރޭންޑަށް ވަނީ ބަދަލުކޮށްފަ އެވެ.

ގައުމީ ޓީމުގެ ޖާޒީ ބްރޭންޑް ބަދަލުވިކަމުގައިވީ ނަމަވެސް ގައުމީ ޓީމުން އަލަށް ފަރުމާކުރި ޖާޒީއާއި ތަފާތެއް ނުހުންނާނެ އެވެ. އަދި ހޯމް އެންޑް އަވޭ ޖާޒީވެސް ހުންނާނީ ހަމަ ކުރީގެ ފަރުމާ އަށެވެ.

ކެލްމޭ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު ވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ޖޫނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ އިތުރުން ސީނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުން ބޭނުންކުރާނީ ކެލްމޭ ބްރޭންޑެވެ.

ކެލްމޭ އަކީ 1963 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ހުރިހާ ސާމާނެއް އުފައްދަމުން އަންނަ ސްޕެއިންގެ ކުންފުންޏެކެވެ. އަދި ޖޯމާ އަކީވެސް ސްޕެއިންއަށް ނިސްބަތްވާ ކުންފުންޏެކެވެ.