ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އިންޑިއާއިން އޭޝިއާގެ ޗެމްޕިއަން ގަތަރު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ގަތަރުގައި ރޭ ކުޅުނު މެޗު ނިމުނީ 0-0 އިން ދެޓީމު އެއްވަރުވެގެންނެވެ. ރޭގެ މެޗުގައި އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗަށް އެޓީމުން ނުކުމެފައިވަނީ އަނިޔާގެ ސަބަބުން ތަޖުރިބާކާރު ފޯވާޑް އަދި ކެޕްޓަން ސުނިލް ޗެތުރީ ނުލަ އެވެ. ރޭގެ މެޗުގައު އިންޑިއާ ޓީމުން ވަރަށް ރަނގަޅަށް ޑިފެންސް ކުރިއިރު، ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

ރޭގެ މެޗުގެ ފަހު ހާފުގައި ގަތަރުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް، އިންޑިއާގެ ގޯލްކީޕަރު ގުރްޕްރީތު ސިންގް ވަނީ މުހިއްމު ސޭވުތަކެއް ކޮށްފަ އެވެ.

ރޭގެ މެޗުން އިންޑިއާއިން ޕޮއިންޓެއް ހޯދިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ ވަނީ ފަހު ވަގުތު އޮމާން އަތުން ބަލިވެފަ އެވެ. ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ކުޅެމުންދާ އިންޑިއާ އޮތީ ގްރޫޕް އީގެ ހަތަރުވަނައިގައި 1 ޕޮއިންޓާއެކު އެވެ. ގްރޫޕް އީގެ އެއްވަނައިގައި ގަތަރު އޮތީ 4 ޕޮއިންޓާއެކު އެވެ. އަދި ދެވަނައިގައި 3 ޕޮއިންޓާއެކު އޮތީ އޮމާނެވެ.

މީގެ އިތުރުން ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުން އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އުތުރު ކޮރެއާ، ސްރީލަންކާ އަތުން މޮޅުވީ 1-0 އިންނެވެ. އަދި ރޭ ސިންގަޕޫރުން ވަނީ ފަލަސްތީނުގެ މައްޗަށް 2-1 އިން ކުރި ހޯދާ ގްރޫޕް ޑީގެ އެއްވަނަ އަށް ޖެހިލާފަ އެވެ.