އޮޅުވާލައިގެން ރާއްޖެއަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.

ކަސްޓަމްސް އިން މި ވެހިކަލްތައް އަތުލައިގަތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުން މިވެހިކަލްތައް ބޭރުކޮށް، ހުޅުމާލޭގައި ބަހައްޓާފައިވަނިކޮށް މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

ކަސްޓަމްސް އިން އަތުލައިގެން ކޮންޓެއިނަރުގައި ހުރި 21 ވެހިކަލް ރާއްޖެ އެތެރެކޮށްފައިވަނީ ލަކުޑީ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. ރާއްޖެ އަށް އެތެރެކުރި ވެހިކަލްގެ ތެރޭގައި ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ހިމެނެ އެވެ.

ކަސްޓަމްސް ބުނީ ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކަސްޓަމްސް އިން މިމައްސަލަ ބަލަން ފެށުމަށްފަހު މައްސަލަ ވަކި ގޮތަކަށް ނިމެންދެން ދެ އޮފިސަރެއް ސަސްޕެންޑް ކޮށްފައިވާ ކަން ކަސްޓަމަސް އިން ވަނީ ޔަގީންކޮށްދީފަ އެެވެ.

ކަސްޓަމްސް އިން ބުނީ އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި ވެހިކަލް ބަނދަރުން ބޭރުކުރި ގޮތުގެ މުހިއްމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއީ ތަހުގީގު ހިގަމުންދާ މައްސަލައަކަށް ވާތީ ކަސްޓަމްސް އިން ވަނީ އެ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

ކަސްޓަމްސް އިން ވަނީ އެ މުއައްސަސާގެ އޮފިސަރުންގެ ނަޒާހަތްތެެރިކަން ހިފަހެއްޓުމަށާއި، މުއައްސަސާއަށް އާންމުން ކުރާ އިތުރުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެފަ އެވެ.

އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެކުރާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިން ވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ކަސްޓަމްސްގެ އޮފިސަރުން ބައިވެރިވާ ކަމަށް ބުނެ ކަމާ ގުޅޭ އިދާރާތަކަށް މިފަދަ މައްސަލަތައް ހުށަހެޅިފައިވެ އެވެ.