ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް މާލޭގައި ބާއްވަން ނިންމައިފި އެވެ.

"ދިރާގު މާލެ އޯޕަން ސްވިމިން ކޮމެޕެޓިޝަން 2019" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މާލެ ރަސްފަންނާ ދިމާ ބޭރު ކަނޑުގައެވެ. އޯޕަން ފެތުމުގެ މި މުބާރާތަކީ 1 ކިލޯމީޓަރު އަދި 500 މީޓަރުގެ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިފައިވާއިރު، ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގައެވެ.

މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ 7 އަހަރާއި 10 އަހަރާ ދެމެދު، 11 އަހަރާއި 12 އަހަރާ ދެމެދު، 13 އަހަރާއި 14 އަހަރާ ދެމެދު، 20 އަހަރާއި 29 އަހަރާ ދެމެދު، 30 އަހަރާއި 39 އަހަރާ ދެމެދު، 40 އަހަރާއި 49 އަހަރާ ދެމެދު އަދި 50 އަހަރުން މަތި އެވެ.

މި މުބާރާތް އިންތިޒާމުކުރާ ސްވިމް މޯލްޑިވްސްއިން ބުނީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް ވާދަވެރި އަދި ރައްކާތެރި މާހައުލެއްގައި ފެތުމާއި، މޫދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ސްވިމް މޯލްޑިވްސްއިން އަންނަނީ ރާއްޖޭގެ އެކި ކޮންކޮޅުގައި ފެތުމުގެ އޯޕަން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ބ. އޭދަފުށިން ބ. ކެންދޫއާ ހަމައަށް ކުރިއަށްގެންދިޔަ ފެތުމުގެ ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފެތުމުގެ ހަރަކާތެވެ. އަދި އޭގެ ފަހުން ވަނީ ކ. ގުޅިން ކ. މާފުއްޓާ ހަމައަށް ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.