މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ތަހުގީގުގެ ބޭނުމަށް ފުލުހުން މިއަދުވެސް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ މިއޮޕަރޭޝަންގައި މިއަދު އެންމެ ފުރަތަމަ ވަދެފައިވަނީ މ. ލެގޫން ވިއު އަށެވެ.

މިގެއަކީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި ސީރިއަށް އެތެރެވާން އުޅެނިކޮށް ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން އަތުލައިގަތުމަށްފަހު ރާއްޖެއަށް ޑީޕޯޓްކޮށްލި އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) ދިރިއުޅޭ ގެ އެވެ.

މަރު ކޮމިޝަންގެ ތަހުގީގުގެ ބޭނުމަށް ފުލުހުން ރޭ ފެށި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ކުޑަވަގުތު ކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ ރޭގެ އޮޕަރޭޝަންގައި ނުވަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ މާލެ އާއި އައްޑޫގެ ބައެއް ތަންތަނެވެ.

މަރު ކޮމިޝަންގެ ތަހުގީގަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް މިދަނީ ރިލްވާންގެ މައްސަލައާއި ގުޅޭ ރިޕޯޓް އާންމުވެ، ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މީހުން ހައްޔަރުކުރުން ލަސްވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ. މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިމައްސަލައިގައި ފިޔަވަޅު އަޅާ މަންޒަރު ދެން ފެނިގެންދާނެ ކަމަށެވެ.