ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތާއްޔާރުވުމަށް ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ގަތަރަށް ފުރައިފި އެވެ.

މިއަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މި މަހުގެ 20 އިން 29 އަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބާއްވާއިރު، މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަރިތަކުރުންތަކަށް ޓީމު ވަނީ މިއަދު ހެނދުނު ފުރާފަ އެވެ.

18 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ޕްރޯ ޑިޕްލޮމާ ކޯޗިން ސެޓްފިކެޓް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗު މުހައްމަދު ޝާޒްލީ އެވެ.

ފުރުމުގެ ކުރިން ކޯޗު ޝާޒްލީ ބުނީ މިހާތަނަށް ޖޫނިއާ ޓީމެއް މި މުބާރާުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދަތުރުކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން މިފަހަރުގެ ޓާގެޓަކީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދަތުރުކުރުން ކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމަށް މިފަހަރު ފުދޭވަރަކަށް ދުވަސް ލިބުނު ކަމަށާއި، މިފަހަރު މިއޮތް ޓީމަކީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭފަދަ ޓީމެއް ކަމަށްވެސް ބުންޏެވެ.

މިފަހަރުގެ 18 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ޓީމުގައިވެސް ހިމެނޭ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) ވަނީ ހިމަނާފަ އެވެ. އޭނާ ވަނީ ދާދި ފަހުން ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފަ އެވެ.

ގަތަރަށް ފުރުމުގެ ކުރިން ޓީމުގެ ބައެއް ކުޅުންތެރިން ބުނީ ޓީމު އޮތީ ސާފް މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، މި މުބާރާތުން ރަގަނޅު ނަތީޖާއެއް ހޯދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

މިފަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައިވަނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ބޫޓާނާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ޓީމު ބައްދަލުކުރާނީ ޕާކިސްތާނާ އެވެ.

ކޮންމެ ގްރޫޕެއްގެވެސް އެންމެ މޮޅު ދެ ޓީމު ސެމީއަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.