މިދިޔަ އޮގަސްޓު މަހު ޓެކްސް އާއީ އެހެނިހެން ފީތަކުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިއަހަރުގެ އޮގަސްޓް މަހުގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އޮގަސްޓް މަހު މީރާއަށް ލިބިފައިވަނީ 862.91 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 4.8 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ މިއަހަރުގެ މިމުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 3.4 އިންސައްތަ ދަށް އަދަދެއް ކަމަށްވެސް މީރާއިން ބުނެ އެވެ.

މީރާއިން ބުނީ މި އަހަރުގެ އޮގަސްޓް މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ ކަމަށެވެ.

މިއަހަރުގެ އޮގަސްޓް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޖީއެސްޓީން ހިއްސާކުރާއިރު، 55.8 އިންސައްތަ ނުވަތަ 481.72 މިލިއަން ރުފިޔާ ޖީއެސްޓީން ލިބފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 13.3 އިންސައްތަ ނުވަތަ 114.67 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 72.09 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.36 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 88.94 މިލިއަން ރުފިޔާ މީރާއިން ބަލައިގަތްފައިވެ އެވެ.

އޮގަސްޓް މަހު މީރާއިން ބަލައިގަތް ޓެކްސްގެ 30.9 މިލިއަން އަކީ އެމެރިކާ ޑޮލަރުން ލިބުނު އަދަދުކަމަށް އެއިދާރާއިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މިއަހަރު މީރާ އަށް 11.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.