މަރު ކޮމިޝަންގެ ތަހުގީގަށް ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ކަނޑުމަތީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ފުލުހުން ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް ފެށި ނަމަވެސް މިއޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ ބައެއް މީހުންނާއި ގޮތް ނޭނގޭ ގޮތްގޮތަށް މަރާލާފައިވާ ބައެއް މީހުންގެ މަރުގެ މައްސަލަތައް ތަހުގީގުކުރަމުންދާ މަރު ކޮމިޝަނުން މިހާތަނަށް ތަފްސީލް މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި އެކުލަވާލާފައިވާ ރިޕޯޓާ ގުޅޭގޮތުންނެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ މިމަހުގެ އެއްވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިރިޕޯޓްގައި ހުރި ބައެއް މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އަދި މިމަހުގެ ދެވަނަ ދުވަހު ސުއޫދު ވަނީ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ ކޮމިޝަންގެ ތަފްސީީލް ރިޕޯޓް ހިއްސާކުރައްވާފަ އެވެ. އޭގެފަހުން މަޖިލީހުގެ ރައީސް ވަނީ ރިޔާސީ ކޮމިޝަންގެ ރިޕޯޓް މަޖިލީހުގައި ހިމެނޭ ޕާލިމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނާ ހިއްސާކުރައްވާފަ އެވެ. އަދި އެ ރިޕޯޓްގެ ޚުލާސާ ރިޕޯޓެއް ވަނީ މެންބަރުން ބަހުސްކުރެއްވުމަށް މެންބަރުންނާ ވެސް ހިއްސާކުރައްވާފަ އެވެ.

ރިލްވާންގެ މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ ކޮމިޝަނަށް ލިބިފައިވާ ބަޔާންތަކާއި ހެކިތަކަށް ބަލާއިރު ރިލްވާން ވަނީ މަރާލާފައި ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަން ކުރީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ ދިވެހިންތަކެއް ދުރާލާ ރިލްވާނަށް އިންޒާރު ދިނުމަށް ފަހު ކަމަށްވެސް ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ރިލްވާން މަރާލާފައިވަނީ އޭނާ ދިރިއުޅުނު ހުޅުމާލޭގެ އެޕާޓްމަންޓްގެ ކައިރިން ގަދަކަމުން ކާރަކަށް އަރުވައިގެން މޫދުގައި އޮތް ޑިންގީއަކަށް ލުމަށްފަހު ކަނޑުމަތިން އެހެން އުޅަނދަކަށް އެެރުވުމަށްފަހު ކަމަށެވެ. ނަމަވެސް މިމައްސަލައިގައި ލިބިފައިވާ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަންވެސް ސުއޫދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރިލްވާން މަރުވީ ސީރިއާގައި ކަން ދެއްކުމަށްޓަކައި ދެ ފުލުހަކު މަސައްކަތް ކުރި ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ރިލްވާންގެ މައްސަލައިގައި މީގެކުރިން ތިން މީހެއްގެ މައްޗަށް ދައުވާކޮށް ދެ މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުކުރެވިފައެއް ނުވެ އެވެ.

މަރު ކޮމިޝަންގެ ތަހުގީގަށް ކަނޑުމައްޗާއި އެއްގަމުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް މިދަނީ ރިލްވާންގެ މައްސަލައާއި ގުޅޭ ރިޕޯޓް އާންމުވެ، ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މީހުން ހައްޔަރުކުރުން ލަސްވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ. މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިމައްސަލައިގައި ފިޔަވަޅު އަޅާ މަންޒަރު ދެން ފެނިގެންދާނެ ކަމަށެވެ.