ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލައިގައި މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގާ ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި އައްޑޫ ސިޓީން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

މާލެއާއި އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އައްޑޫން ރޭ ހައްޔަރުކުރީ ފޭދޫ، ގުރަހާގެ، އަހްމަދު އަގްލީލް (ކިޑް) އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެއާއި އޭނާ ހިންގާ ފޮތި ފިހާރަ ވެސް ބަލައި ފާސްކޮށްފައިވެ އެވެ.

އަގްލީލް އަކީ ނޫސްވެރިޔާ ރިލްވާން ރަހީނުކޮށްގެން ގެންގޮސް އެރުވި ދޯނި ހަމަޖައްސައިދިން މީހާ ކަމަށް މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރިޕޯޓުގައި ބުނާ މީހާ އެވެ.

އަގްލީލް ރޭ ގަމު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ ބަޔާނެއް ނެގުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އެހެންނަމަވެސް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުން ވަނީ އަތުލާފަ އެވެ.

މަރު ކޮމިޝަނުން ރިލްވާން މައްސަލައިގައި އެކުލަވާލާފައިވާ ރިޕޯޓްގައި އަގްލީލްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރިޕޯޓުގައި ބުނެފައިވަނީ ރިލްވާން ކިޑްނެޕް ކުރުމަށްފަހު، ރިލްވާން މަރާލާފައިވަނީ ކަންނެލި ދޯންޏެއްގައި ކަމަށާ އެ ދޯނި ހަމަޖައްސައި ދީފައިވާ މީހަކީ އަގްލީލް ކަމަށެވެ. އެހެން ނަމަވެސް އެކޮމިޝަންގެ ދެވަނަ ޑްރާފްޓުގައި ރިލްވާން އެރުވީ ކަންނެލި ދޯންޏަކަށް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އަހްމަދު އަގްލީލްގެ މައްޗަށް މަރު ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. ރިލްވާންގެ މަރުގެ މައްސަލާގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އަގްލީލް ވަނީ ބުނެފަ އެވެ.