މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ވިއްކުމުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ މަޖައްސާފައިވާ އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީން ބުނީ ހިއްސާ ވިއްކުމުގެ މުއްދަތުގެ ގޮތުގައި 35 މާކެޓް ދުވަސް ހަމަޖައްސާފައިވުމާއެކު، އެބޭންކުން ހިއްސާ ވިއްކުމަށް ހުޅުވާލި ދުވަސްތަކުގެ ތެރެއިން ޖުލައި މަހުގެ 28 ވަނަ ދުވަހާއި، އޮގަސްޓް މަހުގެ 15 ވަނަ ދުވަހަކީ ރަސްމީ ބަންދު ދެ ދުވަސްކަމުގައި ވުމުން، އެތަނަށް ދެ ދުވަސް އިތުރުކޮށް ހިއްސާ ވިއްކުމުގެ މުއްދަތު ހަމަވާ ތާރީހަކީ މިހިނގާ ސެޕްޓމްބަރު މަހުގެ 22 ވަނަ ދުވަސް ކަމުގައި މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކުން އާންމުންނަށް ހިއްސާ ވިއްކަން ނިންމާ އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. މީގެއިތުރުން ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް އެބޭންކުން ލަފާކުރާ ތާރީހަކީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހެވެ.

އިސްލާމިކް ބޭންކް ޕްބްލިކް ކުންފުންޏަކަށް ބަދަލުކޮށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށްފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އެއީ އެބޭންކުގެ 4.5 މިލިއަން ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާގެ އިތުރުން އާންމު ހިއްސާގެ 6،975،000 ހިއްސާ އެވެ. ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާގެ މަގުންނެވެ.

އައިޕީއޯގައި ކޮންމެ ފަރާތަކަށްވެސް ފުރަތަމަ މަދުވެގެން ގަނެވޭނީ ޖުމްލަ 20 ހިއްސާ ކަމަށް އެބޭންކުން މައުލޫމާތުދެ އެވެ. މި އަދަދު އިތުރު ކުރަން ބޭނުންނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީ އާއި އެކު އަދި ޝާހް ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން ކަމަށް އެބޭންކުން ބުނެ އެވެ. އަދި މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮޑިޓް ފާމެއްގެ ގޮތުން ކޭޕީއެމްޖީ އައްޔަން ކޮށްގެން ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.

އައިޕީއޯ ފަރުމާކޮށްފައިވާނީ އާންމުންގެެ ބައިވެރިވުން ބޮޑުވާނެ ގޮތްތަކަށް ބެލުމަށްފަހު ފަސޭހައިން ހިއްސާ ގަނެވޭނެހެން ހެޔޮ އަގެއްގައި ކަމަށް އެމްއައިބީން ބުނެއެވެ.

ހިއްސާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއްވެސް އެބޭންކުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެމްއައިބީގެ ހިއްސާ ގަނެ، އަދި ފައިސާ ދެއްކޭނެ އިްނތިޒާމުތައްވެސް ވަާނީ ހަމަޖައްސާފަ އެވެ.

2011 ވަނަ އަހަރު އުފެއްދި މޯލްޑިވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައިސީޑީ)ގެ 70 އިންސައްތަ ހިއްސާ، އަމާނާ ތަކާފުލްގެ 5 އިންސައްތަ ހިއްސާ އަދި ސަރުކާރުގެ 25 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.