ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޕެސެންޖަރ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އާ ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ހަދަން ނިންމާފައިވާ ޓާމިނަލްގެ ޕައިލިންގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފަ އެވެ.

ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިއަހަރުގެ ޖުލައި މަހު އެ މަސައްކަތް ފަށާފައިވާއިރު، އާ ޓާމިނަލްގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ ހުޅަނގު ދެކުނު ފަރާތުން 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ފައުންޑޭޝަނުގެ މަސައްކަތް ނިމުމުން ޕްރީފެބްރިކޭޓެޑް މެޓީރިއަލް ގެނެސް، އަދި ރޭނުމުގެ މަސައްކަތްތައް ފަށާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެ އެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސައުދީ ފަންޑާ އެކު މަޝްވަރާތައް ފެށުމަށް ފަހު، މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ބިންލާދިން ގްރޫޕާ އެކު އާ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އާ ޓާމިނަލްގެ އިންޓީރިއާ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އެ ތަން ނިންމަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މި މަސައްކަތް އެއްކޮށް ނިންމުމަށް މިހާރު ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ނުވަތަ 5.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އެއާޕޯޓުގައި އަލަށް ހަދާ ޓާމިނަލްގައި 40 ގޭޓް ބަހައްޓައި 36 އިމިގްރޭޝަން ކައުންޓަރު ގާއިމުކުރުމަށް އެމްއޭސީއެލް އިން ނިންމާފައިވެ އެވެ. އެވެ. އަދި ހަ އެއިރޯ ބްރިޖް ވެސް ހުންނާނެ އެވެ.

ވީއައިއޭގައި މިހާރު ހުރި ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެކެވެ. އަލަށް ހަދާ ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ހަދާ ޓާމިނަލެއް ކަމަށް އެމްއޭސީއެލް އިން ކުރިން ބުނެފައިވެ އެވެ.

ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވައިތު ފަންޑާއި، ސައުދީ ފަންޑާއި، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން 680 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ. މި ބިޔަ މަޝްރޫއުގެ ދަށުން، 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން އާ ރަންވޭއެއް ހަދާފައިވާއިރު އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައް ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.