ދީނަށް ފުރައްސާރަކުރި މައްސަލައިގައި ގދ. ތިނަދޫއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާއި ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ބަންދުގައި ބަހައްްޓައިގެން މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޯޓުން މިއަދު 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ދީނަށް ފުރައްސާރަކުރުމުގެ ސަބަބުން ތިނަދޫން ހައްޔަރު ކުރި މީހާ ވަނީ، ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އިތުރަށް އެރަށުގައި މީހުން އެއްކޮށްގެންވެސް އެކަން ކުރިއަށް ގެންދަން ފަށާފައި ކަމަށް ބުނެފަ އވެ.

އަދި އޭނާ ވަނީ ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ޤުރުއާނަށް ގޮންޖަހާފަ އެވެ.

ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ގދ. ތިނަދޫން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އޭނާ އަށް އިންޒާރު ދިން މީހެއްގެ މައްސަލަވެސް ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.