ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ފެށެން އަށް ދުވަހަށް ވެއްޖެ އެވެ.

ސަޓާ އެވޯޑްސް ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގެ އަމާރީ ގާލޭ ގައި ކަމަށެވެ.

ސަޓާ އެވޯޑް އިންތިޒާމް ކުރާ ހައިރައިޒް އިން ބުނީ ސަޓާގެ ހުރިހާ އިވެލުއޭޝަންތަކެއް މިހާރު ނިމިފައި ވާއިރު މިއަހަރުގެ އެވޯޑަށް 500 އަށް ވުރެ ގިނަ ފަރާތުން ވާދަކުރާ ކަމަށެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދުތައް ހިމެނެ އެވެ. އެގޮތުން ގެސްޓްހައުސް ދާއިރާ އިން ފާހަގަކޮށްލެވޭ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ ޔޫއައި ހޮޓެލްސް، ޔޫއައި މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް ރަންނާޅި އަދި އޭސް ޓްރެވަލްސް މޯލްޑިވްސް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓްވެފަ އެވެ. ޔޫއައި ހޮޓެލްސް އާއި ޔޫއައި މޯލްޑިވްސް ވަނީ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފަ އެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައި ބާއްވާފައިވާއިރު 2017 ވަނަ އަހަރު އެވޯޑް ހަފްލާ ބޭވީ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގަ އެވެ.

މިއީ ސަޓާ އެވޯޑް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން ސަޓާ އެވޯޑްސް ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގަ އެވެ.