ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މާދަމާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މާދަމާގެ ޖަލްސާ ބޭއްވުމަށް ނިންމާ ފައިވަނީ ހެނދުނު 10 ޖަހާއިރު އެވެ. މި ޖަލްސާ ބާއްވަން އެޖެންޑާކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީގެ ޕީޖީގެ ފަރާތުން އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ. ނަމަވެސް އާޒިމްގެ ކުރެއްވި ޓްވީޓުގައި އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

މާދަމާގެ ޖަލްސާ ބާއްވަން ނިންމައި މަޖިލީހުން އެކަން އިއުލާންކޮށްފައި ވާއިރު، އެޖެންޑާގައި ހިމަނާފައި ވަނީ، ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވަފައިވާ، (ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު) އާށް އިޞްލާހު ގެނައުުމެގ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްގެންދަން މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައި މިވަނީ، (ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު) އަށް ވީހާވެސް އަވަހަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ މިހާރު ޓެރަރިޒަމްގެ ޤާނޫނު އޮތްގޮތުން އެފަދަ އަމަލުތައް ހިންގާ މީހުންނާއި، އަދި ޓެރަރިޒަމް ރަނގަޅަށް ސާފުކޮށް އެމީހުން ފަސޭހައިން ހައްޔަރުކުރެވޭ ގޮތަށް އިސްލާހު ގެންނަން އެބަޖެހޭ ކަމަށެވެ. އަދި އެ ޤާނޫނުގެ ދަށުން މީހުން ހައްޔަރުކޮށް ބަންދުކޮށް އަދި ކޯޓަށް ހަޒިރުކުރަން ޖެހޭ މުއްދަތުތަކަށްވެސް ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މަޖިލީހަށް ފޮނުވައި އަވަހަށް އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.