ފުލުހުން ހިންގާ އޮޕަރޭޝަންގައި މިއަދުވެސް ޖުމްލަ ފަސްތަނެއް ބަަލައި ފާސްކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުންވަނީ ހަތަރު ތަނަކާއި ކެފޭއެއްގެ އިތުރަށް މާލޭ ސަރަހައްދުގައި އޮތް ބޯޓެއްގައިހުރި މީހެއްވެސް ބަލައި ފާސްކޮށްފަ އެވެ.

މިއޮޕަރޭޝާންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަން މިހާރުވެސް ދަނީ ކުރިއަށް ކަަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މިއަދު މާލޭ ސަރަހައްދުން ބަލައި ފާސްކޮށްފައިވާ ތަންތަނުގެ ތެރޭގައި ހީނާމާގޭ ކައިރީގައި ހުރި ގެއަކަށް ގިނަ އަދަދެއްގެ ފުލުހުން ވަދެ ވަނީ ބަލައި ފާސްކޮށްފަ އެވެ.

މީގެ އިތުރަށް ޗާންދަނީ މަގުގައި ހުންނަ ބިގް މޭން ރެސްޓޯރަންޓަށްވެސް ފުލުހުން ވަދެ ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި މައުލޫމާތު ލިބޭގޮތުގައި ފުލުހުން އެތަނުން ނުކުތީ ތިން ކޮތަޅެއްގެ ސާމާނު ހިފައިގެނެވެ.

މިހާރުވެސް ފުލުހުންގެ އޮޕަރޭޝަން ކުރިއަށްދާއިރު، މާލެއާއި އައްޑޫގެ ބައެއް ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ. އެގޮތުން މާލޭގެ ދެ ތަނަކާއި އައްޑޫގެ ދެ ތަނެއް އަންނަނީ ބަލައި ފާސް ކުރަމުންނެވެ.

މީގެން އެއްވެސް ތަނަކުން މީހަކު ހައްޔަރުކޮށްފައި ނުވާއިރު ރޭވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.