ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ.

މި ރަސްމިއްޔާތުގައި ޔޫތުމިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރަށްރަށުގައި ފުޓްސަލް ދަނޑުތަަށް އެޅުމަށް މަސައްކަތް ފަށާ ނުނިންމާ ހުރުމުން ހުރިހާ ރަށަކުންވެސް އެޝަކުވާ އަންނަމުންދާކަމަށެވެ. އަދި މިއީ މިނިސްޓްރީއަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްކަމަށެވެ.

" އަޅުގަނޑުމެން މިކަމާ ވަރަށް ރަނގަޅަށް ވިސްނާ. މިކަންކަން ކުރެވޭނެ އެންމެ ރަނގަޅު ބަޔަކާ ހަވާލުކޮށް، މަސައްކަތް ނިމޭއިރު އެއީ ބޭނުން ނުކުރެވޭ ތަނަކަށް ވެގެން ނުދާނެފަދަގޮތަކަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. ތޭރަރަށުގެ ބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ޓެންޑަރ ކުރުމަށް މަޝްވަރާކުރެވިފައިވަނީ އުންމީދު ކުރަނީ މި ހުރިހާ ދަނޑުތައް އެއްފަހަރާ ނިންމާލެވޭނެކަމަށް" މަޙްލޫފް ވިދާޅުވި އެވެ.

ސަބްބޭސް އެޅުމަށް މިއަދު ސޮއި ކުރި ތެރޭގައި ހިމެނެނީ ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީއެވެ.

ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހަައްމަދު ދީދީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ބައިވެރިވަޑައިގެންނެވިއެވެ.

މިއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ މަސައްކަތަކަށްވާއިރު މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.