އިންޑޮނޭޝިޔާގެ ކުރީގެ ރައީސް ބަޚްރުއްދީން ޔޫސުފް ހަބީބީ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 83 އަހަރުގެ ބަޚުރުއްދީން ޔޫސުފް ހަބީބީ މިއަދު އަވަހާރަވީ، ވެރިރަށް ޖަކާޓާގެ މެދުތެރޭގައި ހުންނަ ގަޓޯޓް ސުބްރޮޓޯ އާރމީ ހޮސްޕިޓަލްގައެވެ.

ކުރީގެ ރައީސް ހަބީބީ އަވަހާރަވިކަން އިޢްލާން ކުރެއްވީ، އޭނާގެ އާއިލާގެ ބޭފުޅެއް ކަމަށްވާ މެލަނީ ސުބޮނޯ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.

ބަޚުރުއްދީން ޔޫސުފް ހަބީބީ، ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އެއީ، ކުއްލިގޮތަކަށް ސިއްހީ ހާޅުކޮޅު ގޯސްވެގެންނެވެ.

ބަޚުރުއްދީން ޔޫސުފް ހަބީބީ އުފަންވެވަޑައި ގެންފައިވަނީ 1936 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ. އޭނާއަކީ މޮޅު އިންޖިނޭރެކެވެ.

އިންޑޮނޭޝިޔާގެ ކުރީގެ ރައީސް ސުހާޓޯގެ ވެރިކަމުގައި ބަޚުރުއްދީން ޔޫސުފް ހަބީބީވަނީ، 20 އަހަރުވަންދެން ސަރުކާރުގެ ރިސާޗް އެންޑް ޓެކްނޯލޮޖީ މިނިސްޓަރުކަން ކުރައްވާފައެވެ.

އިންޑޮނޭޝިޔާގެ ރައީސްކަމުގެ މަގާމާ ހަބީބީ ހަވާލުވެވަޑައި ގެންނެވީ، 1998 ވަނަ އަހަރުގެ މެއިމަހު ސުހާޓޯ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭގެފަހުން، 1999 ވަނަ އަހަރު އާ ރިޔާސީ އިންތިޚާބު ބޭއްވުމާ ހަމައަށް އޭނާ މަގާމުގައި ދެމިހުންނެވިއެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި މުސްލިމުން އެންމެ ބައިބޯ ގައުމެވެ.