އެއްވެސް ޝަރުތަކާ ނުލައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމަށް، ޓްރަމްޕްގެ ކެބިނެޓްގެ ދެ ވަޒީރަކު ވިދާޅުވެއްޖެއެވެ.

އެއްވެސް ޝަރުތަކާ ނުލައި އީރާނުގެ ރައީސާ ބައްދަލު ކުރައްވަން ޓްރަމްޕް ތައްޔާރަށް ހުންނެވިކަން، ޓްރަމްޕްގެ ދެ ވަޒީރުން މި ހާމަކުރެއްވީ، އީރާނާ ވަރަށް ބޮޑަށް ޖައްސާލައްވައިގެން އުޅުއްވި، އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޖޯން ބޯލްޓަން އިއްޔެ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

ބޯލްޓަން މަގާމުން ވަކިކުރުމާ ގުޅިގެން، އީރާނާމެދު އެމެރިކާގެ ރައީސް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް އަންނާނޭ ކަމަށް ވާހަކަތައް ދެކެވެން ފަށާފައި ވެއެވެ.

އެމެރިކާ ސަރުކާރުގެ ޓްރެޜަރީ ސެކްރެޓަރީ ސްޓީވަން ވިދާޅުވީ، އެއްވެސް ޝަރުތަކާ ނުލައި އީރާނުގެ ރައީސާ ބައްދަލު ކުރައްވަން ރައީސް ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށެވެ. އުފަލާއެކު ޓްރަމްޕް އެކަން ކުރައްވާނޭ ކަމަށެވެ.

އެހެން ނަމަވެސް، އީރާނަށް ކުރިމަތިކުރަމުން އައި ފިއްތުންތައް އެގޮތުގައި ދެމި އޮންނާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއިވެސްވަނީ މީޑިއާއަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިމަހު ފަހުކޮޅު ނިއުޔޯކްގައި ބާއްވާ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕް، އީރާނުގެ ރައީސާ ބައްދަލު ކުރައްވަފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޚާރިޖީ ވަޒީރު ވިދާޅުވީ، އެއީ "ކަށަވަރު" ކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސާއި، އީރާނުގެ ރައީސާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް އެންމެބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ފަރަންސޭސި ރައީސް އިމެނުއެލް މެކޯންއެވެ.

މެކޯން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާއި، ހުޅަނގުގެ ބޮޑެތި ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ސަލާމަތް ކުރެވޭތޯއެވެ.

ޓްރަމްޕް ތައްޔާރަށް ހުންނެވި ނަމަވެސް، އީރާނުގެ ރައީސް ރޫހާނީ ޓްރަމްޕާ ބައްދަލު ކުރައްވާނެ ކަމެއް އަދި ސާފެއް ނުވެއެވެ. އީރާނުން މިހާތަނަށްވެސް ބުނަމުންދިޔައީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާނުލަނީވެސް ޓްރަމްޕާ ބައްދަލު ކުރަން ބޭނުން ނުވާކަމަށެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ދާދިފަހުން ވިދާޅުވެފައިވަނީ، ހަމައެކަނި ދުނިޔެއަށް ދައްކާލަން ފޮޓޯނަގަން، ޓްރަމްޕާ ބައްދަލުކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.