ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް އިންސާފު ހޯދަން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން، މިއަދު ރ. މީދޫ އަށް ވަޑައިގެން މީދޫ ކައުންސިލަރުންނާއި އެރަށުގެ މުޢައްސަސާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައެވެ.

މީދޫގެ ރަށުގެ ރައްޔިތުންނާއި ވަކިން ރައީސް ބޭއްވި ބައްދަލުވުމުގައި އަނަސްގެ އާއިލާއިން ވަނީ، އެރަށުގެ ޒުވާނެއް ކަމުގައިވާ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލަ ޚާއްޞަ މައްސަލައެއްގެގޮތުގައި ބައްލަވައި ދެއްވައި އިންޞާފު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އަނަސްގެ ޢާއިލާއާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މައްސަލަ "މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ބަލަމުންގެންދާކަމަށެވެ. އަދި އަނަސްގެ ޢާއިލާއަށް އިންޞާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.