ޕާކިސްތާނާއި ޗައިނާއިން އިންޑިއާއިން ހިފާފައިވާ ކަޝްމީރު ފަޅީގެ ވާހަކަ ދެއްކީމާ އިންޑިއާ ހިތްހަމަ ނުޖެހިއްޖެއެވެ.

ޕާކިސްތާނާއި ޗައިނާއިން ކަޝްމީރުގެ ވާހަކަ ބަޔާންކޮށްފައިވަނީ، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ، މި ސެޕްޓެމްބަރު މަހުގެ 7-8 އަށް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

އެ ބަޔާނުގައި ކަޝްމީރާ ގުޅޭގޮތުން ހާމަކޮށްފައިވަނީ، ޕާކިސްތާނުގެ ވެރިކަމުގެ ދަށުގައި އޮންނަ އާޒާދު ޖައްމޫ އެންޑް ކަޝްމީރުގައި ޕާކިސްތާނާއި ޗައިނާއިން ހިންގާ "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" އާ ގުޅޭ ވާހަކަތަކެވެ. މިއީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މުހިންމު ކޮރިޑޯއެއް ކަމަށާއި، މި ކޮރިޑޯ ތެރެއިން ހިންގަމުން ގެންދާ ޕްރޮޖެކްޓްތައް މުޅިން އާ މަރްހަލާއަކަށް ވަދެއްޖެކަމަށް ދެގައުމުން ނެރުނު ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

"ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ގެ ދަށުން ވަރަށް ގިނަ ދާއިރާތަކުން އެތައް މަޝްރޫއުތަކެއް ޕާކިސްތާނުގައި ދަނީ ހިނގަމުންނެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަށްފަހު ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި، އިންޑިއާއިން ހިފާފައިވާ ކަޝްމީރުފަޅީގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އެހެން ނަމަވެސް، އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު މިއަދު ވަނީ، ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނާ ދެކޮޅު ހައްދަވާފައެވެ.

އަދި "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ގެ ތެރެއިން ޕާކިސްތާނުން ވެރިކަންކުރާ އާޒާދު ޖައްމޫ އެންޑް ކަޝްމީރުގައި ހިންގާ ހުރިހާ ކަމެއް ހުއްޓާލުމަށްވެސް ގޮވާލައްވާފައި ވެއެވެ.

ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރުންގެ ގުޅިފައިވާ ބަޔާނުގައި ކަޝްމީރުގެ ނަންވެސް ގެނައުމަކީ އިންޑިއާ ދެކޮޅުހަދާ ކަމެއް ކަމަށް ރަވީޝް ކުމާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ބައެއް ކަމަށެވެ.

އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ކަޝްމީރަކީ އިންޑިއާގެ ތަނެއް ކަމަށާއި، ޕާކިސްތާނުން އުޅެނީ 1947 ވަނަ އަހަރުން ފެށިގެން ކަޝްމީރުގެ ބަޔަކަށް ޣައިރުގާނޫނީ ގޮތެއްގައި ވެރިވެގެން ކަމަށެވެ. ކަޝްމީރުގެ ހައިސިއްޔަތު ބަދަލުކުރުމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމަކާ އިންޑިއާ ދެކޮޅު ހަދާނޭ ކަމަށްވެސް ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.