ގެއްލިފައިވާ ބައެއް މީހުންނާއި ގޮތް ނޭނގޭ ގޮތްގޮތަށް މަރާލާފައިވާ ބައެއް މީހުންގެ މަރުގެ މައްސަލަތައް ތަހުގީގުކުރަމުންދާ ކޮމިޝަނުންގެ ތަހުގީގަށް ފުލުހުން ކުރިއަށްގެންދިއަ އޮޕަރޭޝަން ނިންމާލައިފި އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ނިންމާލައި އެ އިދާރާއިން ބުނެފައި ވަނީ، އެ ކޮމިޝަނުން ފުލުހުންނައި ހަވާލުކުރި ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް އިއްޔެ އާއި މިއަދު ކުރިއަށްގެންދިއަ ބަލައިފާސްކުރުން ނިންމާލާފައިވާ ކަމަށެވެ. އެއްގަމާއި ކަނޑުގައި ހިންގި މި އޮޕަރޭޝަންގައި ސިފައިންވެސް ބައިވެރިވިއެވެ.

ފުލުހުން ކުރިއަށްގެންދިއަ މި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގަށް ހޯދު ކޯޓު އަމުރުތަކުގެ ދަށުން މާލެ އާއި އައްޑޫ ސިޓީގެ 17 ތަނަކާއި 11 މީހުން ފާސްކުރި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެތަންތަނާއި އަދި މީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.