ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މި ސެޕްޓެމްބަރ މަހުގެ 19 ން 20 އަށް ޗައިނާއަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މިސްޓަރ ވާންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ފޮރިން މިނިސްޓަރކަމާއި ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް މިސްޓަރ ވަންގް ގީޝާންގެ އަރިއަހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ޗައިނާގެ ޚާރިޖީ ވަޒީރާއެކު ދެ ޤައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އަދި އެކިއެކި ދާއިރާތަކުން ދެޤައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ މީގެކުރިންވެސް ޗައިނާއަށް ދަތުރުކުރެއްވުމަށް ތާވަލުކުރައްވާފައެވެ. ނަމަވެސް އެދަތުރުފުޅު ފަހުން ވަނީ ކެންސަލް ކުރައްވާފައެވެ.