ސަރުކާރުގެ މަސައްކަތު ސްޕީޑް ލަސްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ބޭފުޅުންކޮޅެއް ގުޅިވަޑައިގަތުމަށް، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުގެ މަސައްކަތު ސްޕީޑް އެއްގޮތަކަށްވެސް ލަސްނޫން ކަމަށެވެ.
ސަރުކާރުގެ މަސައްކަތު ސްޕީޑް ލަސްކަމަށްބުނެ، ވަކިބަޔަކު ފްރަސްޓްރޭޓް ވެގެންނޭ ކިޔާފަ ވާހަކަ ދައްކަމުންދާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި، އެކަން ހިނގަނީ ކިހިނެއްކަންވެސް އެނގިވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރަށް ކަންތައްތައް ނުކުރެވޭކަން ދައްކައިގެން ސަރުކާރާއި ރައީސުލްޖުމްހުރިއްޔާއާ މެދުގައި ނަފްރަތު އުފެއްދުން ނޫން އެހެން އެއްވެސްކަމެއް އެކަމުގައި ނެތްކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ބައްލަވާލައްވާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކިހާ ދުވަހެއް ފަހުންތޯ ރަނގަޅު ޕްރޮކެޖްޓެއް ފެށިގެން މަސައްކަތް ހިނގައިގަތީ. ޔާމީން ސަރުކާރުގަވެސް ހަމަ އެހެންވީ. މި ދެސަރުކާރު ގެންނަންވެސް އަޅުގަނޑުމެންނަކީ ކޯލިޝަން ޕާޓްނަރުން. އަޅުގަނޑުމެން ތިބީ ހޭލާ ބަލަހައްޓައިގެން. ނިދާފައެއްނޫން ތިބީ، ގޭގަ އޮށޯވެގެންނެއްވެސް ނޫން ތިބީކީ. ވުމާއެކު، މާޒީވެދިޔަ ދުވަސްތަކުގެ ކަންތައްތައް ހިނގާފައިވާގޮތް ބަލާލީމާ، މިއަދު ކަންތައްތައް މިހިނގާ މިންވަރު ލަސްތޯ މިނާލާކަށް، އެއްވެސް އެއްޗެއް ބުނަން އެއްވެސް މީހަކަށް ޖާގަ އޮތްކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު ދަންނަވާނީ ވަރަށް ހަރުދަނާކަމާ އެކީގައި، ވަރަށް އިންސާފުވެރިކަމާ އެކީގައި ކަންތައްތައް ހަމަޔަކަށް އެޅިގެންދާތަނޭ އަޅުގަނޑުމެންނަށް ފެނުނީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެއްދުވަހަކުން ހުރިހާ ކަމެއް ރަނގަޅެއް ނުވާނެ ކަމަށާއި، ކުއްލިއަކަށް ލަތްކެއް ޖަހާހެން ކޮށްލިއަކަސް ކަންކަން ނުވާނެ ކަމަށެވެ.
މިއަދުގެ ސަރުކާރުން ވަރަށް ކެތްތެރިކަމާ އެކީގައި ޕްރޮޖެޓްތައް ހައްދަވައިގެން ގިނަގުނަ މަސައްކަތްތައް އެބަ ކުރައްވާ ކަމަށާއި، އެކަމުގައި ގޮންޖެހުންތައްވެސް އަންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.