މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފެރެންސްގެ ނަމުގައި އޭޑީކޭއިން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ސައިންޓިފިކް ކޮންފެރެންސް މިއަހަރު އޮންނާނީ މިމަހުގެ 17 އިން 19 އަށް ކަމަށް އޭޑީކޭއިން ބުނެފި އެވެ.

މިކޮންފެރެންސް އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ، މި ކޮންފެެރެންސް ބޭއްވުމުގެ މަޤްސަދަކީ ނިއުރޯ ސަރޖަރީ ނުވަތަ ސިކުނޑިއާއި މައިބަދައިގެ އެކިއެކި ފަރުވާތަކާއި އަދި އޮޕަރޭޝަންތަކާއި ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި ކުރެވޭ ދިރާސާތަކާއި ކުރެވޭ ޒަމާނީ ސަރޖަރީތަކާބެހޭ މައުލޫމާތު ހިއްސާ ކުރުންކަމުގައެވެ. އަދި އެ ރިސާޗްތައް ކޮންފެރެންސްގައި ބައިވެރިވާ މީހުންނަށް ލިބި ދަސްވުމާއި، އަމަލީގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަަމަށް އަފްއާލް ވިދާޅުވި އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކޮންފެރެންސްގެ ޕްރެޒެންޓޭޝަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ކޮންފެރެންސްގައި ދުނިޔޭގެ ފުންނާބު އުސް ނިއުރޯ ސަރޖަނުން ބައިވެރިވާކަމަށް އަފްއާލް ވިދާޅުވި އެވެ.

"އެމެރިކާގެ ތިން ނިއުރޯ ސަރޖަންއެއް ބައިވެރިވެ ވަޑައިގެންނަވާ މި ކޮންފެރެންސްގައި. މީގެއިތުރުން ޓޮޕްކްލާސް ނަރުހެއްވެސް ބައިވެރިވެ ވަޑައިގަންނަވާ. ހަމައެހެންމެ އޮސްޓްރޭލިއާގައި މިހާރު ހުރި އެންމެ މޮޅުކަމަށްބުނާ ނިއުރޯ ސަރޖަން ޕްރޮފެސަރ ޗާލީ ތިއޯރވެސް ބައިވެރިވެވަޑައިގެންނަވާ. މިކަންތައްތަކުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ މި ކޮންފެރެންސަށް އަޅުގަނޑުމެންނަށް ބައިނަލްއަގްވާމީ މަޝްރަހުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން. އެމެރިކާ، އޮސްޓްރޭލިއާގެ އިތުރުން

ޕޯޗުގަލް، އަފްޣާނިސްތާން، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިޔާ، ނޭޕާލް، އިންޑިޔާއިން ބެރިވެރިން ކޮންފެެރެންސްގައި ބައިވެރިވާނެ. އަދި ރާއްޖޭގައި އުޅޭ އެހެން ޤައުމުތަކުގެ މިދާއިރާގައި ހަރަކާތްތެރިވާ މީހުންވެސް ބައިވެރިވާނެ." އަފްއާލް ވިދާޅުވި އެވެ.

މި ކޮންފެރެންސް އެންމެ ފުރަތަމަ ފަހަރު 60 ބައިވެރިން ބައިވެރިވިއުރު މިދިޔަ އަހަރު ބައިވެރިވެފައިވަނީ 150 ބައިވެރިންކަމަށް އަފްއާލް ވިދާޅުވިއެވެ.

ނަމަވެސް މިއަހަރުގެ ކޮންފެރެންސްގައި މިހާތަނަށް ރާއްޖެއިން ބޭރުން 40 ފަރާތެއް ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު ޖުމްލަ 300 ބައިވެރިން ކޮންފެރެންސްގެ އެކިއެކި ކަންކަމުގައި ހަރަކާތްތެރި ވާނެކަމަށް އަފްއާލް ވިދާޅުވިއެވެ.

މި ކޮންފެރެންސްގެ އެންމެ މުހިންމު ކަމަކީ ލައިވް ސަރޖަރީއެއް ކުރިޔަށް ގެންދިޔުން ކަަމަށްވާއިރު މިއަހަރުވެސް ލައިވް ސަރޖަރީއެއް ކުރިޔަށް ދާނެކަމަށް އަފްއާލް ވިދާޅުވިއެވެ.

"އެކި ޤައުމުތަކުގެ ވަރަށް މޮޅު ފުންނާބުއުސް އަދި އެކިކަންކަން އީޖާދު ކުރައްވާ ފެންވަރުގެ ޕްރޮފެސަރސް އަޅުގަނޑުމެންނާއެކު މިބައިވެރިވެ ވަޑައިގަންނަވަނީ. އެހެންވީމާ އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކަށް މިބޭފުޅުންނާއެކު އަޅުގަނޑުމެންނަށް ހޭދަކުރެވޭ ވަގުތާއި މިބޭފުޅުންގެ ކިބައިން ދަސްވާ ކަންކަމާއި، މި ކުރެވޭ ސަރޖަރީތަކުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ. އޭގެން އެންމެ ބޮޑު ފައިދާއެއް މިކުރަނީ އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންނަށް." އަފްއާލް ވިދާޅުވި އެވެ.

ޖުމްލަ 63 ޕޭޕަރ މި ކޮންފެރެންސަށް ހުށަހެޅިގެންދާއިރު 38 ކީނޯޓް ސްޕީކަރުން ރާއްޖެއިން ބޭރުން މި ކޮންފެރެންސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކަރުދާސްތަކުގެ ތެރޭގައި ސިއްހީ ދާއިރާއަށް މުޅިން އަލަށް ތައާރަފްކުރާ އާ އީޖާދުތަކުގެ މައުލޫމާތާއި މިހާރުވެސް އީޖާދުކޮށްފައި ހުރި ބައެއް ފަރުވާތައް މިހާރަށް ވުރެ ފުރިހަމައަށް ކުރިއަށް ގެންދާނެ ގޮތްތަކުގެ މައުލޫމާތުތަކުގެ ކަރުދާސްތައް ހިމެނޭނެ ކަމަށް އޭޑީކޭގައި މަސައްކަތް ކުރައްވާ ނާރުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ އަލީ ނިޔާފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޚާއްސަކޮށް ހުށަހަޅަން ދެ ޕޭޕަރެއް، ދިވެހިރައްޔިތުންގެ ޚާއްސަ ބަލިތަކަށް އަމާޒުކޮށް ހަދާފައިވާ ދެޕޭޕަރެއް. އޭގެއިތުރުން އަޅުގަނޑުމެން އަދި އޭޑީކޭ ހޮސްޕިޓަލުން ހަ ޕޯސްޓަރަ ޕްރެޒެންޓޭޝަނެއް އިންނާނެ. އޭގެއިތުރުން އަޅުގަނޑުމެން ކޮންމެ ނިޔުރޯސަރޖެންއެއްގެ އާއި ނިޔުރޯޖޮލިސްޓުންގެ ޕޭޕަރަތައް ނިކުންނާނެ." ޑރ. އަލީ ނިޔާފު ވިދާޅުވިއެވެ.

ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މެއިން ސްޕޮންސަރ ކޮށްފައިވާ މި ކޮންފެރެސްގައި ޕްލެޓިނަމް ޕާޓްނަރުންގެ ތެރޭގައި އޭޑީކޭ ޖެނެރަލް ޓްރޭޑިން، އެސްޓީއޯ، ޑރ. ރެޑީސް އަދި އިންޑިއާގެ އެޗްއެންއެން ބްރެއިން ވޯކްސް ލިމިޓެޑް ހިމެނެއެވެ.