އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައި އެކުލަވާލާ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނާައި އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

މި ލިސްޓުގައި ފުރަތަމަ ފަހަރަށް ހިމެނި ދިވެއްސަކީ މުހައްމަދު އަމީން ކިޔާ މީހެކެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި އަމީނަކީ ސީރިޔާ އާއި އަފްޣާނިސްތާނުގައި އިސް މީހެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަ މީހެކެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭޕްރީލްމަހާ ހަމައަށްވެސް އަމީނަކީ އައިސިސްއަށް މީހުން ރެކްރޫޓްކުރުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭކަމަށް އެމެރިކާއިން ބުނެއެވެ.

އޭނާގެ މި މަސައްކަތުގައި އެހެން މީހުންވެސް ބައިވެރިކުރާ ކަމަށާއި އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާއަކު ދިހަ ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށް އެމެރިކާއިން ބުނެއެވެ. އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައިވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައި ވެއެވެ.

އެމެރިކާއިން ބުނެފައިވަނީ، އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމުގައެވެ.

އޭނާ ވަނީ ރާއްޖޭގެ މީޑިއާއެއްގައި މަސައްކަތްކުރާ މީހަކު އައިސިސް-ކޭ އާ ގުޅިގެން އަފްޣާނިސްތާނަށް ދާން މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅާފައި ކަމަށްވެސް ބުނެފައިވެއެވެ. އެ ނޫސްވެރިޔާއަށް ހުށަހަޅާފައިވަނީ އަމީންގެ ބޭނުމަށް ލިޔުންތައް ތަރުޖަމާކުރުން ކަމަށްވެސް ބުނެފައި ވެއެވެ.