އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ މަގާމުން ވަކިކޮށްފި އެވެ.

ގިނަ ދުވަސްތަކަކު ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު މުސްއަބް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މުސާރަ ލިބޭ ގޮތަށް މުސްއަބް އެންމެ ފުރަތަމަ 30 ދުވަހަށް ސަސްޕެންޑް ކުރީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.

މުސްއަބް މަގާމުން ވަކިކޮށްފައި މިވަނީ ބަލަމުންދިޔަ މައްސަލަ ނިމުން ލަސްވެ ފަސް ފަހަރަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަށްފަހު އެވެ.

މުސްއަބް ސަސްޕެންޑްކޮށްފައިވާ މައްސަލައިގެ އެއްވެސް މައުލޫމާތެއް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މުސްއަބް އިއްޔެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އޭނާގެ މައްސަލައެއް ބަލައި މަގާމުން ވަކިކުރީ ކުރެއްވި ޓްވީޓަކާ ކަމަށެވެ.

މުސްއަބަށް ތުހުމަތުކޮށް ޓްވިޓާގައި މީހަކު ކުރި ޓްވީޓަކަށް މުސްއަބް ޖަވާބު ދެއްވީ ތުހުމަތާ ގުޅިގެން އޭސީސީން މައްސަލަ ބެލުމަށްފަހު ނިންމާފައިވާ ގޮތުގެ ރިޕޯޓްގައި ހިމެނޭ ބައެއް ހިމަނައިގެންނެވެ. ސިވިލް ސާވިސް ކޮމިޝަނުން އޭނާއަށް ފިޔަަވަޅު އެޅީ އެއީ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކުރުން ކަމަށް ބަލައިގެން ކަމަށް މުސްއަބް ވިދާޅުވެފައިވެ އެވެ. އަދި އޭނާ އާންމުކުރި ލިޔުންކޮޅަކީ އޭސީސީން އާންމުކޮށްފައިވާ ރިޕޯޓްގައި ހިމެނޭ ބައެއް ކަމަށްވެސް މުސްއަބް ވަނީ ވިދާޅުވެފަ އެވެ

މުސްއަބް މަގާމުން ވަކިކުރި މައްސަލަ ކުރިއަށް ހަފްތާގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އޭނާ ވަނީ ނިންމާފަ އެވެ.