ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައި ހަދާފައިވާ ކަނޑުއަޑީގެ އާޓް ގެލެރީ، ތަފާތު ސްކަލްޕްޗާތަކަކާ އެކު އަލުން ހުޅުވައިފި އެވެ.

ށ. އަތޮޅުގައި ތަރައްގީކޮށްފައިވާ ސިއްރު ފެންފުށި ހިންގާ، ފެއާމޮންޓް ހޮޓަލްސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ދަ ކޮރެލޭރިއަމް"ގެ ނަން ދީފައިވާ މި ގެލެރީ އަލުން ހުޅުވާފައި ވަނީ މުރަކަތަކެއް ސިފަވާ ގޮތަށް ހުންނަ ސްކަލްޕްޗާތަކަކާ އެކުގައި ކަމަށެވެ. އެގޮތުން މުރަކަތެއް ހެދި، ބޮޑުވަމުން އަންނަ ގޮތް ދައްކައިދޭ މި ސްކަލްޕްޗާތައް ހުންނަނީ އެ ތަނުގެ އޮނިގަނޑުގެ ތެރެއިން، ކަނޑުއަޑިން މައްޗަށް އަރާ ގޮތަށް ހަރުކޮށްފައި ހުންނަ 10 ހޮޅި ބޭނުންކޮށްގެން ހިފެހެއްޓިފައި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ސްކަލްޕްޗާތައް ހަދާފައި ވަނީ ކަނޑުގެ ވެށި ތަޣައްޔަރު ކުރާ އެއްވެސް މާއްދާއެއް ނުހުންނަ، ކަނޑުގެ ދިރުންތަކާ ގުޅޭ ތަކެތި ބޭނުންކޮށްގެން ކަމަށް ފެއާމޮންޓުން ބުނެ އެވެ. އެގޮތުން އުސް މިނުގައި ގާތްގަނޑަކަށް ފަސް މީޓަރު ހުންނަ ކޮންމެ ސްކަލްޕްޗާއެއްގައި ސެރަމިކް ބޭނުންކޮށްގެން ހަދާފައިވާ 500 އާޓިފިޝަލް ސްޓާފިޝް ހުންނައިރު، މި ސްޓާފިޝްތައް ތައްޔާރުކޮށްފައި ވަނީ އޭގެ ބޭރުގެ ތޮށިގަނޑުގައި މަހުގެ ކާނާ ތާށިވެ، އެ ތަނަށް މަސް ޖަމާވާ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މުޅި ގެލެރީގެ އޮނިގަނޑަކީ ވެސް ކަނޑުއަޑީގެ ދިރުންތަކުން މުއްސަނދި ވެފައިވާ ތަނަކަށް ވެފައިވާކަން ފެއާމޮންޓް ހޮޓަލްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ރިސޯޓު ހަދާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފަޅުތެރޭގައި ހަދާފައިވާ މި އާޓް ގެލެރީ އަށް ފީނައި ސްނޯކްލް ކުރުމުގެ ފުރުސަތު އެ ރިސޯޓުގެ ގެސްޓުންނަށް ލިބެ އެވެ. އަދި ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓާ އެކު އެ ތަނަށް ޒިޔާރަތްކޮށް، އެ ތަނުގައި އުޅޭ ތަފާތު ދިރުންތަކުގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދެ އެވެ.