އިޒުރޭލުގެ އާންމު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒުރޭލުގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވުމާ އެކު ދިވެހިރާއްޖެ އިން އެކަން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ސަރަހައްދެއްގެ ގޮތުގައި އޮތް ބިމެއް ގަދަ ބާރުން އެހެން ގައުމެއްގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އެެއީ ދިވެހި ދައުލަތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ ނަތަންޔާހޫގެ ވައުދާ ގުޅިގެން މެދު އިރުމަތީގެ ސުލްހައަށް ދަތިތަކެއް ކުރިމަތިވެ ދައުލަތްތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަގްވާާމީ ހަމަތައް މުޅިން ނެތިކޮށްލާނެ ކަމަށެވެ. އެހެންކަމުން މިމައްސަލައިގައި އދގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރިއަށް ގެންގޮސް ފިޔަޅުތައް އެޅުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"ދިވެހިން ތިބީ ފަލަސްތީނާ އެކު. ރާއްޖެއިން އަދިވެސް ގޮވާލާނީ މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީން ހިމެނޭ ގޮތަށް 1967ގެ ބޯޑަރުތަކަށް ބިނާކޮށް ދެ ދަައުލަތެއް އޮތުމަށް،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒުރޭލުން ހިސޯރުކުރަން ރޭވުންތައް ރާވަމުން ގެންދާ ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ފަލަސްތީނުގެ 65،000 މީހުން ދިރިއުޅޭ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ.