މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 26 ފަރާތަކަށް ދީފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން އާންމުކޮށްފައިވާ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ލިސްޓުގައި މާލެއިން 26 ތަނެއް ހިމެނޭއިރު، މީގެތެރޭގަައި ހިމެނެނީ 17 ކެފޭ/ރެސްޓޯރަންޓަކާއި 9 ފިހާރަ އެކެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކެފޭ ރެސްޓޯރަންޓްތަކުގެ ތެރޭގައި ހިމެނެނީ ސީހައުސް، ސެފްރޮން ކެފޭ، ނައިސް އެންޑް ސްޕައިސް، ވީވަ ކެފޭ، ރިޓްރީޓް ޑިލައިޓް، މާރުކޭޓް ހޮޓަލް، ނޮވެލް ބިސްޓްރޯ، ޑޯލްފިން ވިއު ކެފޭ، އެމްޓީ ކެންޓީން، ސައުތު ވިންގް ކެފޭ، މިސްޓިކޯ، އަލަ ކާޓް، ދަ ޑެކް، ލައިމް ވޯޓާ ލައުންޖް، ދަ ކޮފީ ގްރިލް އަދި ސިޓީ ޓޭސްޓުގެ އިތުރުން އެމް އެންޑް އާރު އިންވެސްޓްމަންޓު އެވެ.

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ފިހާރަތަކުގެ ތެރޭގައި ހިމެނެނީ އެކްސްޕްރެސް މާޓް، ނިއު ޗެއިން، ޝޮޕް އެންޑް ސޭވް، އޭއެންޖީ ޓުރޭޑާސް، ވީބީ މާޓު، ރެޑް ވޭވް، ގްރާސް މާކެޓް އަދި ބްރައިޓް ޕްލަސްގެ އިތުރުން ޗޮއިސް ޕްލާޒާ އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ފަށާފައިވާއިރު، އަައްޑޫ ސިޓީން 24 ގަޑއިރު ވިޔަފާރިކުރުމުގެ ހުއްދަ 3 ފަރާތަކަށް ވަނީ ދީފަ އެވެ. މީގެތެރޭގައި ސ. ހިތަދޫ ހޮޓް ބޮކްސް ކެފޭއާއި، ސ. ފޭދޫ ތްރީ އެސް ލައުންޖް ކެފޭ އަދި ސ. ފޭދޫ އެލީ ބިސްޓްރޯ ހިމެނެ އެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ނިންމާ، ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި ހިތަދޫން ތިން ސަރަހައްދެއް ކަނޑައަޅާފައިވާއިރު މަރަދޫން ދެ ސަރަހައްދު ވަނީ ކަނޑައަޅާފަ އެވެ. އަދި މަރަދޫފޭދޫން އެއް ސަރަހައްދު ކަނޑައަޅާފައިވާއިރު ފޭދޫން ވަނީ ދެ ސަރަހައްދު ކަނޑައަޅާފަ އެވެ. މީގެއިތުރުން ހުޅުދޫން ދެ ސަރަހައްދު ކަނޑައަޅާފައިވާއިރު މީދޫން ތިން ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން ފުވައްމުލަކުގައި ވެސް ތިން ސަރަހައްދެއްގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެހުއްދަ ދީފައިވާ ސަރަހައްދުތަކަކީ ފުވައްމުލަކު މެދު ދާއިރާގެ ޣާޒީ މަގު، ފުވައްމުލަކު ދެކުނު ދާއިރާގެ މުހައްމަދު ޖަމާލުއްދީން މަގު އަދި ފުވައްމުލަކު އުތުރު ދާއިރާގެ ގެއްމިސްކިތް ސަރަހަދެެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހު ކަމަށެވެ. އޭގެ ތެރޭގައި ބޭރުން ތަނުގެ އެތެރެ ފެންނަން ހުރުމާއި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރުން ފަދަ އާއްމު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ބައެއް ކަންކަން ހިމެނެ އެވެ.

ވިޔަފާރިކުރާ ފަރާތްތަކުން ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށްވެސް ބުނެފައިވެ އެވެ.