ހޮޓެލިއަ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޖީއެމް ފޯރަމްގެ ފަސްވަނަ ބައްދަލުވުން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވަން ނިންމައިފި އެވެ.

ފަސްވަނަ ޖީއެމް ފޯރަމް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.

ކުރީ އަހަރުތަކާއި އެއްގޮތަށް އަންނަ އަހަރުގެ ޖީއެމް ފޯރަމްގައިވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ކަންތައްތަކާއި، އެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖޮހުންތައް ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެ ކަމަށް ހޮޓެލިއަ އިން މައުލޫމާތުދެ އެވެ.

މީގެއިތުރުން ރާއްޖޭއިން ބޭރުގެ ފަރާތްތަކުންވެސް މި ފޯރަމްގައި ބައިވެރިވެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ހޮޓެލިއަ އިން ބުނެ އެވެ. އަދި ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ މާހިރުންގެ ތަގުރީރުތަކާއި ޕެނަލް ޑިސްކަޝަންތަކާއި ހުށަހެޅުންތައް ހުށަހެޅުން ކުރިއަށްދާނެ ކަމަށްވެސް ހޮޓެލިއާ އިން މައުލޫމާތުދެ އެވެ.

މީގެ ކުރީ އަހަރުތަކުގައި ބާއްވާފައިވާ ބައްދަލުވުންތަކުގައި އިސްކޮށް ބައިވެރިވެ ތަގުރީރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ރިސޯޓްތަކުގެ ވެރިންނާއި، ޖެނެރަލް މެނޭޖަރުންގެ އިތުރުން މި ސިނާއަތުގައި އިސް ދައުރެއް އަދާކުރާ އެހެނިހެން ފަރާތްތައް ހިމެނެ އެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޖީއެމް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައެވެ. އެއަށްފަހު ކުރުނބާ މޯލްޑިވްސް އާއި ބަނޑޮސް މޯލްޑިވްސްގައިވެސް މި ފޯރަމް ވަނީ ބާއްވާފަ އެވެ.