ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބިލް މުނާސަބާ ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވޮ ވާހަކަފުޅުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ އިގްތިސޯދީ ފުދުންތެރިކަން ލިބުން ކަމަށެވެ. އަދި އިގްތިސޯދަކީ އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީގޮތުން މެދުވެރިވާ ހާލަތެއްކަން ފާހަގަކުރައްވައި އެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ، އެބައެއްގެ އިލްމީ ގާބިލްކަން އިތުރުވި މިންވަރަކުން ކަމުގައި ވިދާޅުވި އެވެ.