ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ އިކޮނޮމިކް މިނިސްޓްރީގެ ކައުންޓަރުތަކުން ބަލައިގަންނަ ގޮތަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ދިނުމަށްޓަކައި ކައުންޓަރުތަކުން ޑިޕޮޒިޓް ފައިސާ ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް ގެނެވޭ ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ، މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދެއްކޭނީ ހަމައެކަނި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކަމަށެވެ.

އެހެންނަމަވެސް މިބަދަލުގެ ސަބަބުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދައްކާ ބައެއް ފަރާތްތަކަށް، އެފަރާތުން މިކަމަށް ހަމަޖައްސަން ޖެހިވަޑައިގަންނަވާ އިންތިޒާމްތައް ހަމަޖެހިފައި ނެތް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި މިފަދަ ފަރާތްތަކަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ދިނުމަށްޓަކައި ކައުންޓަރުތަކުން ޑިޕޮޒިޓް ފައިސާ ބަލައިގަންނަން ނިންމީ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.